ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަކަށް މެންބަރުން އިންތިޚާބު ކުރުމަށް އަހަރަކު ދެފަހަރު ބައި-އިލެކްޝަން ބާއްވާ ގޮތަށް ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.
މީގެ ކުރިން ޤާނޫނު ބަޔާންކުރާ ގޮތުން ނަމަ ލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަންވާނެއެވެ. ނަމަވެސް މި އިސްލާހާ ގުޅިގެން މި މުއްދަތު 183 ދުވަހަށް އިތުރު ވެގެންދާނެއެވެ. އެގޮތުން އެ މާއްދާގެ ދަށުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ބާއްވަން ވާނީ އަހަރަކު ދެ ފަހަރުކަމަށާއި، މި ގޮތަށް ބާއްވާ ދެ ބައި-އިލެކްޝަނެއްގެ ދެމެދުގައި 183 ދުވަހަށް ވުރެ ދިގު މުއްދަތެއް، އަދި 120 ދުވަހަށްވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެކަމުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ޤާނޫނުގެ 26 ވަނަ މާއްދާގެ ފަހަތަށް “26-1 ވަނަ މާއްދާގެ ގޮތުގައި” މާއްދާއެއް އިތުރުކޮށް، ލޯކަލް ކައުންސިލުތަކުގެ ބައި-އިލެކްޝަން ބާއްވާނެ ގޮތުގެ އިޖުރާއަތުތައް އެ މާއްދާގެ ދަށުން ވަނީ ހިމަނުއްވާފައެވެ.
ހަމައެހެންމެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 9 ވަނަ މާއްދާއަށް ވެސް ވަނީ އިޞްލާޙެއް ގެނެވިފައެވެ. މި އިޞްލާޙާ އެކު އެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު ހުޅުވިއްޖެކަން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އިޢުލާންކުރާގޮތަށް ވަނީ ބަދަލުކޮށްފައެވެ.
އަހަރަކު ދެފަހަރު ބައި-އިލެކްޝަން ބާއްވާ ގޮތަށް ޤާނޫނަށް އިސްލާހު ގެނައި ބިލު ފާސްކޮށްފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ގެނައި 7 ވަނަ އިޞްލާހެވެ.