މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެންސް އެޑިޝަން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސްޕޮންސާ ކޮށްފި އެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރި ކުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މިކޮންފަރެންސް އެމްއޭސީއެލް އިން ސްޕޮންސާ ކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ އެމްއޭސީއެލްއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށް ވުމާއިއެކު ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަޑިތައް ހާސިލްކުރުމަށް އެއްބާރުލުން ދިނުން ކަމުގައި އެމްއޭސީއެލް އިން ބުނެފައިވެ އެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނެފައި ވަނީ އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ހުރި ގޮންޖެހުންތައް ނައްތާލުމާއި އަންހެނުން ބާރުވެރިކުރުމަށް ހިއްވަރު ދިނުމަކީ ވެސް އެކުންފުނިން މިކޮންފަރެންސް ސްޕޮންސާ ކުރުމުގެ މައިގަނޑު އެއް މަގުސަދު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިއްޔެ ހޮޓެލް ޖެންގައި ބާއްވާފައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) ޓްރެވަލް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ގޮތުން ޙަޤީޤީ ބަދަލެއް ގެނައުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލަން ޖެހޭ ކަމަށެވެ.
އެކަމަނާ ވިދާޅުވީ އެކަން ހާސިލު ކުރުމަށްޓަކައި އަންހެން ކަނބަލުންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަންނަން ޖެހޭ ކަމަށާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މީގެއިތުރުން، އެމްއޭސީއެލްގެ އޭރޯޑްރޯމް މެނޭޖްމެންޓް ސަރވިސަސްގެ ސީނިއަރ ޖެނެރަލް މެނޭޖަރ މަހަމޫދާ ޝަރީފް މިކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިންޖިނިއަރިންގ ދާއިރާއާއި އެއަރފީލްޑް މެނޭޖްމަންޓް ދާއިރާގައި އަންހެނުން މަސައްކަތް ކުރަމުންދާ ކަމުގައިވީ ނަމަވެސް ލީޑާޝިޕް މަގާމުތަކުގައި އަންހެނުން މަދު ކަމަށެވެ.
ޝަރީފް ވިދާޅުވީ އެމްއޭސީއެލްގެ މެނޭޖްމަންޓުން ލީޑަރޝިޕް މަޤާމްތަކަށް އަންހެނުން އައްޔަނުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެކުންފުނިން އަޅަމުންދާ ކަމަށެވެ. އެގޮތުން، އަންހެނުންނަށް ފުރުސަތު ފަހި ކޮށްދިނުމާއި، އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާއި ޖިންސުގެ ތަފާތު ކުރުމަށްވުރެއް ގާބިލުކަމަށް އިސްކަންދިނުމާއި، ޖިންސުގެ ފަރަގު ނައްތާލުމަށް އަންހެނުންނާއި ފިރިހެނުން އެކުގައި މަސައްކަތްކުރުން ހިމެނެ އެވެ.
ހޮޓެލް ޖެންގައި ބޭއްވުނު ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން ބައިވެރިވި ދެ ޕެނަލް ޑިސްކަޝަންއެއް އޮތް އިރު، އެޕެނަލްތަކުން ވާހަކަ ދައްކާފައި ވަނީ މަތީ މަޤާމުތަކުގައި ތަފާތުކުރުން ނައްތާލުމަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި ޒަމާނުއްސުރެ ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާފަރާތްތަކާއި މެދު ދެކޭގޮތާއި ބެހޭގޮތުންނެވެ.