ކޮވިޑް-19 ގެ ދުވަސްވަރ ޕީސީއާރު ޓެސްޓުތައް ހެދުމުގައި ނާޖާއިޒް ފައިދާ ހޯދި ކަމުގެ ތުހުމަތުގައި، ޑރ. އަލީ އަބްދުﷲ ލަތީފާއި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމް އަދި އައިޖީއެމްއެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ.މިލްޒާ އަބްދުލްމުހުސިންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން މިމައްސަލާއިގައި ދައުވާކުރުމަށް އެދި ފޮނުވާފައިވާ ޑރ. އަލީ އަބްދުﷲ ލަތީފް އަކީ ކޮވިޑް-19 ގެ ދުވަސްވަރުގައި އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަމާއި، މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރެކެވެ. ޑރ އަލީ ލަތީފްގެ އިތުރުން އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމް އަދި އައިޖީއެމްއެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ.މިލްޒާ އަބްދުލްމުހުސިންގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް އޭސީސީއިން ވަނީ އެދިފައެވެ.
އޭސީސީ އިން ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި “ރީއެޖެންޓްސް”، އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް (އާރުއެމްއެލްއެސް ލެބް ސަރވިސަސްއަށް) ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދި ކަމުގެ ތުހުމަތުގައި ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައި ދައުވާކޮށްދިނުމަށް އެދިފައެވެ.
އޭ ޑރ.އަލީ އަބްދުﷲ ލަތީފް އަދި އޭނާގެ މަސްލަޙަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސަސް އިން މަނީލޯންޑާ ކޮށްފައިވާކަމަން ވަނީ ތަހުގީގުން ހާމަވެފައިއެވެ. އެހެންކަމުން ވަކި މައްސަލައެއްގެ ގޮތުގައި ޑރ.އަލީ އަބްދުﷲ ލަތީފް އަދި އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މަނީލޯންޑަރިން ގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.
މީގެއިތުރުން، ޑރ.އަލީ އަބްދުﷲ ލަތީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާކަމަށް ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީވެ އެ މައްސަލަ ތަހްގީގުކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.
މި މައްސަލައިގައި، ޑރ. އަލީ އަބްދުﷲ ލަތީފު އަދި ޑރ.މިލްޒާ އަބްދުލްމުހުސިނާއި ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސްވާ ކަމަށާއި އެދެ ފަރާތުގެ މައްޗަށް ފިޔަވަޅެއް އަޅުމަށް އެދިފައިވާ ކަމަށް ވެސް އޭސީސީއިން ބުނެފައިވެ އެވެ.