މާލޭގެ މަގުތަކުގައި ނުގަވައިދުން މާލޭގެ އެކި ސަރަހައްދު ތަކުގައި ޕާކްކޮށްފައިވާ އުޅަނދުފަހަރު ގަވާއިދަށް ފެއްތެން ދެން ވަގުތީ ގޮތުން ޕާކޮކުރާނެ ހުސްބިމެއް ހަމަޖައްސައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ އެމްއޭސީއެލް ފްލެޓްތައް ކުރިމަތީގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބްރިޖް ކައިރީގައި އޮންނަ ހުސްބިމުގައި އެފަދަ އުޅަނދު ފަހަރު ގަވާއިދަށް ފެއްތެންދެން ވަގުތީ ގޮތުން ޕާކު ކުރެވޭ ގޮތަށް ހަމަޖައްސައި ރާންސްޕޯޓް މިނިސްޓްރީ އާއި ހަވާލުކޮށްފަ އެވެ.
މިބިން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން އާއި ހަވާލުކޮށްދެއްވާފައި ވަނީ އެޗްޑީސީގެ ފަރާތުން އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު އެވެ.
ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ތިބި ނޫސްވެރިންނާއި ބައްދަލުކުރައްވާ މިނިސްޓަރު ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފަށް މާލޭގައި ގިނަ އުޅަނދުފަހަރު ޕާކުކޮށްފައި އެބަހުރި ކަމަށާއި، އެކަން އެހެން ދިމާވީ ގިނަ ދުވަސް ވަންދެން އާންމުންނަށް ގަވައިދާ ހިލާފަށް ޕާކްކުރުމަށް ފުރުސަތު ދެވުމުގެ ސަބަބުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދިގު މުއްދަތެއް ވަންދެން ގަވައިދާ ހިލާފަށް ކަންކަން ކުރަމުން ދިއުމުގެ ސަބަބުން ކުއްލިއަކަށް ގަވާއިދަށް ފެއްތުމަކީ އާންމުންނަށް ދަތި ކަމެއް ކަމަށެވެ. އެހެންކަމުން ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުފަހަރު ގަވައިދަށް ފެއްތުމަށް ފުރުސަތު ދިނުމަށްޓަކައި މުއްދަތެއް ދީ އެ އުޅަނދުފަހަރު ވަގުތީގޮތުން ބެހެއްޓުމަށް ބިމެއް ހަމަޖައްސައިދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެޗްޑީސީގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ މިކަމުގައި އެޗްޑީސީން ދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.
މިއާއިއެކު، މިހުސްބިމުގައި ގަވައިދާ ހިލާފަށް ރަޖިސްޓްރީކުރި އުޅަނދުފަހަރާއި ރަޖިސްޓްރީނުކުރާ އުޅަނދުފަހަރު ގެނައުމަށް މިނިސްޓްރީން ވަނީ އިއުލާން ކޮށްފަ އެވެ.
“އެގޮތަށް ބެހެއްޓީމަ ވާނެ ގޮތަކީ އޭރުން ޓޯ ކުރުމުގަ ލިބޭ ގެއްލުމެއް ވެސް ނުލިބޭނެ، އަދި ޓޯ ކޮށްގެން ދައްކަން ޖެހޭ ޖޫރިމަނާއެއްވެސް ނުލިބޭނެ (ދައްކާކަށް ނުޖެހޭނެ)،” އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، 40 ހާސް އަކަފޫޓުގެ މި ބިމުގައި ހަތަރު ފޮރޮޅުލީ 200 ވަރަކަށް އުޅަނދުފަހަރު ބެހެއްޓޭނެ ކަމަށާއި މިޖާގަ ބޭނުން ކުރުމަށް ދެވޭނީ ހަމަސް ދުވަހުގެ މުއްދަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.