މާދަމާ ކޮންމެ ދޯންޏަކަށް ހިލޭ 3 ޓަނުގެ އައިސް ދޫކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން ބުނެފައިވާ ގޮތުގައި މާދަމާ މިފްކޯގެ ސެންޓަރުތަކުން ސްޓޮކް ހުސްވަންދެން ކޮންމެ ދޯންޏަކަށް 3 ޓަނުގެ އައިސް ހިލޭ ދޫކުރެވޭނެ ކަމަށާއި މިއީ މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.
އެކުންފުނީގެ ހުރީހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން މާދަމާގެ ނިޔަލަށް އައިސް ދޫކުރާނެ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.
މަސްވެރިން ދަނީ އައިސް ޕްލާންޓުތަކުން އައިސް ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރަމުންނެވެ. މިކަމާއި ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ މި މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މީގެކުރިން ވިދާޅުވެފަ އެވެ. އެގޮތުން މި ސަރުކުން ވަނީ ވެރިކަމާ ހަވާލުވި ފަހުން 11 އައިސް ޕްލާންޓެއް ހަވާލުކޮށްފަ އެވެ.
މި ސަރުކާރުން އަންނަނީ މަސްވެރިކަން ކުރާ އޮޑިދޯނިފަހަރުން ބާނާ މަސް ރައްކާތެރިކަމާއެކު ފިނިކޮށް ބެހެއްޓޭ ފަދަ ސިސްޓަމެއް ދޯނިތަކުގައި ގާއިމް ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން 200 ދޯންޏެއްގައި އެ ސިސްޓަމް ގާއިމް ކުރެވޭނެ ވަރުގެ ބަޖެޓެއް އެލޮކޭޓް ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.