ށ. ކަނޑިތީމުގައި ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަކެއް ފުލުހުންނަށް ރިޕޯޓުތަކެއް ފުލުހުންނަށް ލިބިފައިވާ ކަމަށް މީޑިއާ އާއި ހިއްސާ ކުރި މެސެޖެއްގައި ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައި ވަނީ އެމައްސަލަތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެރަށުގެ ބައެއް ގޭގޭ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މިފަހަކަށް އައިސް ސިހުރު ހެދުމުގެ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު މަމްދޫހް (މަންޑޭ) އަވަހާރަކޮށްލަން ސިހުރު ހެދިކަމުގެ ތުހުމަތުގައި ދެމީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.
މީގެއިތުރުން މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ރައީސް ޑރ. މުޢިއްޒު އަދި އެމަނިކުފާނުގެ އާއިލާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އެހެންނަމަވެސް ހައްޔަރު ކުރިތާ 20 ދުވަސް ފަހުން ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ހައްޔަރުން ދޫކޮށްލުމަށްފަހުން ދައުލަތުން ވަނީ ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ މިމައްސަލާގައި ދައުވާ ނުކުރުމަށް ނިންމާފަ އެވެ.