ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ހަދައިފައިވާ ކިއޮސްކުތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތަށް އެދި ހުށަހެޅުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ)ން ހުޅުވައިލައިފިއެވެ.
އިއްޔެ އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ހުޅުމާލޭގެ 2 ވަނަ ފިޔަވަހިން ޖުމްލަ 20 ކިއޮސްކް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.
މި 20 ކިއޮސްކްތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އިން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ދުވަސް ދުވަހު، ސެންޓްރޯ މޯލް ގްރައުންޑް ފުލޯގައި ހުންނަ އެޗްޑީސީގެ ފްރަންޓް އޮފީހުންނާއި އެޗްޑީސީގެ ރިސެޕްޝަނުންނެވެ.
އެ ފުރުޞަތަށް އެދި ހުޝަހަޅާ ފޯމުތައް އެޗްޑީސީން ބަލައިގަންނަން ފަށާނީ މި މަހުގެ 25 ވަނަ ދުވަހެވެ. އަދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެންބަރު 5 ވަނަ ދުވަހުގެ މެންދުރު ފަހު 2:00ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި މި ކިއޮސްކްތައް ކުއްޔަށް ދޫކުރާނެ ފަރާތްތައް ކަނޑައެޅިގެންދާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ.
ގުރުއަތު ނެގުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 19ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައެވެ. އަދި ފޯމު ހުށަހަޅާ ފަރަތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވާނެ ތަނެއް ފަހުން އެންގޭނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.