މީހަކު ރަހީނު ކުރުމަށްފަހު އިނގިލި ބުރިކޮށްލި މައްސަލަ އާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ތަހުގީގު ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރައްވާފަ އެވެ.
ކޯޓުން އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ރަހީނު ކުރި މީހާގެ އިނގިލި ބުރިކޮށްލުމުގައި އޭނާ ވެސް ވަނީ ބައިވެރިވެފަ އެވެ.
މީގެ ކުރިން ހައްޔަރުކޮށްފައިވާ އުމުރުން 18 އަހަރާއި، 21 އަހަރު އަދި 23 އަހަރުގެ ތިން ދިވެހި ފިރިހެނުންނާއި އެކު މިހާތަނަށް ހަތަރު މީހަކު ވަނީ މިމައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައެވެ.
މިހަތަރު މީހުންގެ މައްޗަށް ފުލުހުން ވަނީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުން، ޖެހުން އަދި ހުއްދަ ނޫންގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ ތުހުމަތު ކޮށްފައިވާއިރު މި މީހުން މި ކުށްތަށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ފުލުހުން ވަނީ ތަހުގީގު ބަޔާންތަކާއި ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓުތަކާއި އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާތަށް ފެންނަ ފޮޓޯތަކާއި އިންޓެލިޖެންސް ރިޕޯޓް އަދި އެ ނޫން ވެސް ހެކި ހުށަހަޅާފައެވެ.
ކޯޓު އަމުރުން ސާފުވާ ގޮތުގައި އަނިޔާ ލިބުނު ފަރާތަކީ ފުރަތަމަ ހައްޔަރުކޮށްފައިވާ 3 މީހުންނާއެކު މަސައްކަތްކުރި މީހެކެވެ. އެމީހުން ވަނީ އެ މީހާގެ އިނގިލި ބުރި ނުކުރާ ކަމަށާއި ޕަވާޓޫލެއް ބޭނުން ކުރަނިކޮށް އަނިޔާ ލިބުނީ ކަމަށް ވެސް އެމީހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އެހެން ނަމަވެސް ކޯޓުން އަމުރުގައި ބުނެފައިވާ ގޮތުގައި އަނިޔާ ލިބުނު ފަރާތުގެ ފޮޓޯތަކުން ސާފުވާ ގޮތުގައި އަނިޔާ ލިބުނު ފަރާތަށް ޖިސްމާނީ އަނިޔާ ގަސްދުގައި ދީފައިވާކަމަށް ބެލެވޭއިރު، ފުލުހުން ވަނީ ޖިސްމާނީ އަނިޔާ ދީފައިވާކަމަށް ބެލެވޭ ހެކި ވެސް ހުށަހަޅާފަ އެވެ.