މޯލްޑިވިއަނުން ފުވައްމުލަކު ސިޓީއަށް ކުރާ ދަތުރުތައް މަދުކޮށްފިއެވެ.
ފުވައްމުލަކަށް ކުރާ ދަތުރުތައް މަދުކޮށްފައިވާކަން އެންގުމުގެ ގޮތުން މޯލްޑިވިއަނުން ވަނީ ކަސްޓަމަރުންނަށް މެއިލެއް ވެސް ފޮނުވާފައެވެ. ދަތުރުތައް މަދުކުރުމަށް ނިންމާފައިވަނީ ތަފާސްހިސާބުތަކަށް ރިއާޔަތް ކުރުމަށްފަހުކަމަށް އެ މެއިލްގައި ބުނެފައިވެއެވެ. މީގެ އިތުރުން ފުވައްމުލަކަށް ދަތުރުކުރާ ފަސިންޖަރުންގެ އަދަދު މަދުވެފައިވާކަމުގެ ވާހަކަތަކެއް ވެސް ދަނީ ދެކެވެމުންނެވެ.
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު ރާއްޖޭގެ ނޫހަކަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ ކުރިން ދުވާލަކު ދެ ދަރުތު ފުވައްމުލަކަށް ކުރަމުންއައިކަމުގައި ވިއަސް، މިހާރު ވަނީ ވަގުތީ ގޮތުން ދުވާލަކު އެއް ދަތުރު ފުވައްމުލަކަށް ކުރާ ގޮތަށް ހަމަޖައްސާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި މޯލްޑިވިއަންގެ ގިނަ ބޯޓުތައް އޮތީ މެއިންޓަނަންސްގެ މަސައްކަތްތައް ކުރުމަށް ހޭންގަރަށް ވައްދާފައެވެ.
ޑިމާންޑް އިތުރުވެއްޖެ ނަމަ ދަތުރުތައް އަނެއްކާ ވެސް އިތުރު ކުރުން އެކަށީގެންވާކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.