ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ރާއްޖޭގައި ބިއުޓީ ސެލޫންގެ ވިޔަފާރި ކުރާ ‘ރިޒް’ ނަމަކަށް ކިޔާ ބިދޭސީއަކުން ހައްޔަރުކޮށް ޑިޕޯޓްކޮށްފިއެވެ.
އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި ‘އިމިގްރޭޝަން ވޮޗް’ އަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު އިމިގްރޭޝަނުން ހިނގާފައިވާ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން “ރަޖަނީ ޝްރެސްތާ” ނުވަތަ އާއްމުކޮށް ކިޔާ ނަމުން ނަމަ ‘ރިޒް’ ނަމަކަށް ކިޔާ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ރިޒް އަކީ އޭނައަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިއަ ފަރާތެއް ކަމަށެވެ.
މީގެއިތުރުން ރިޒްއާ އޭނާގެ 04 ބިދޭސީ މުވައްޒަފުންގެ ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް މިމަހުގެ 13 ވަނަ ދުވަހު ރާއްޖެއަށް އަނބުރާ ނާދެވޭ ޑިޕޯޓްކޮށްލާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން އަންނަނީ މިއަހަރުގެ ކުރީ ކޮޅުން ފެށިގެން ނުގަވާއިދުން އުޅޭ ބިދޭސީން އަދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން ރެއިޑް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މިއޮޕަރޭޝަންތަކުގެ ތެރެއިން އެތަންތަން ބަލާ ފާސްކޮށް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ޑިޕޯޓްކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.