ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމައި އިއުލާން ކޮށްފައި ވަނީ ރައީސް ޑރ. މުޢިއްޒު އެފަދައިން ޢަމަލު ނުކުރުމަށް އަންގަވައިފައި ވަނިކޮށް ކަމަށް ސަރުކާރުން މިއަދު ބުނެފައިއެވެ.
މިދިޔަ ހަފުތާގައި ބީއެމްއެލްގެ ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް ބީއެލްއެލް އިން ވަނީ ޕްރައިމަރީ އެކައުންޓަކަށް ރުފިޔާ އެކައުންޓު ބޭނުންކުރާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމައިފައިވާކަން މިއަދު އިއުލާންކޮށްފައެވެ. އެހެންނަމަވެސް ބޭންކުގެ މިނިންމުމާއި ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް، ބޭންކަށް ކުރިމަތިވި ޕްރެޝާގެ ސަބަބުން ބޭންކުން ވަނީ މިއަދު ހަވީރު ނިންމުން ބަދަލުކޮށްފައެވެ.
މިކަމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ ބީއެމްއެލްއިން މިއަދު އަމަލު ކުރީ ސީދާ ރައީސް އެ ކަމުގައި އެގޮތަށް އަމަލުނުކުރަން އަންގަވާފައި އޮއްވައި ކަމަށެވެ.
މީގެއިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޑޮލަރު މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ސަރުކާރާއި ބޭންކާ ދެމެދު މަޝްވަރާތައް ކުރެވިފައިވާ ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ބޭންކުން އަމަލު ކުރީ ސަރުކާރާ މަޝްވަރާކޮށްފައި އޮތް ގޮތަށް ނޫން ކަމަށެވެ.
“ބޭންކް އޮފް މޯލްޑިވްސްގެ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރުން އެހެންވީމާ ސަރުކާރުގެ އިންޓްރެސްޓުތައް އެބަހުރި ބޭންކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި މި ހުރިހާ ކަމެއް ވެސް،” ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ މިމައްސަލަ ދިމާވުމުން ސަރުކާރުން އަނެއްކާ ވެސް ބީއެމްއެލްއާ މަޝްވަރާކޮށްގެން މައްސަލަ ހައްލު ކުރީ ކަމަށެވެ.
މިބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ޑޮލަރު މައްސަލައިގައި ބީއެމްއެލްއާއި އިކޮނޮމިކް ކައުންސިލާ ދެމެދު ވެސް މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ.
“އެހެންނަމަވެސް މަޝްވަރާކޮށްގެން އޭރު އެގްރީވެވުނު ގޮތަކަށް ނޫން މިއަދު ޑިޒިޝަންއައީކީ. އެހެންވީމަ އެކަމާ ގުޅޭ ގޮތުން ބޭންކުން ސަރުކާރުގެ ފަރާތުން އަދި އެމްއެމްއާ މަޝްވަރާކޮށްގެން އެމްއެމްއޭގެ އިތުރު އެޝުއަރެންސްތައް އަދި ސަރުކާރުގެ އިތުރު އެޝުއަރެންސްތަކެއް ދިނުމުން ބޭންކުން ނިންމުން ބަދަލުކުރި ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ،” އުޝާމް ވިދާޅުވިއެވެ.
ބީއެމްއެލް އިން މިއަދު ހެނދުނު ޕްރައިމަރީ އެކައުންޓަކަށް ރުފިޔާ އެކައުންޓު ބޭނުންކުރާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމައިފައި ވަނީ ކާޑުތަކުން ކުރާ ބޭރު ފައިސާގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ލިބޭ ބޭރު ފައިސާގެ އަދަދު އެއް ވަރެއްގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް ބީއެމްއެލް އިން ވަނީ އެމްއެމްއޭގެ އިރުޝާދުގެ ދަށުން އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް ބުނެ މިއަދު ހަވީރު އެކަން އިއުލާން ކޮށްފައެވެ.