މިހާރު އޮތް އާސަންދައިގެ ނިޒާމު އޮތީ މުއްސަނދި މީހާ އަށް ފައިދާ ލިބި ނިކަމެތި މީހާއަށް ގެއްލުންވާ ގޮތަށް ކަމަށާއި މިނިޒާމު ވަރަށް ބޮޑަށް ރިފޯމް ކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަފީގު މިހެން ވިދާޅުވެފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މިބައްދަލުވުމުގައި ޝަފީގު ވިދާޅުވީ ސަރުކާރުން ރިފޯމްގެ މަސައްކަތް ކުރާއިރު، އެންމެ ބޮޑަށް ބަލަނީ ބޭކާރު ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ. އެގޮތުން ސަރުކާރުގެ ވިސްނުމަކީ އެންމެ ބޭނުންވާ މީހުންނަށް ފައިސާ އެލޮކޭޓް ކުރެވޭނެ ގޮތްތަކެއް ހޯދައި މިސް ޔޫޒް ކުރެވޭ ދިމާތައް ހުއްޓުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“ބޮޑެތި ބަލިތަކަށް ބޭސް ކުރަމުންދާ، ހަގީގަތުގައި ވެސް އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންވާ ބަޔަކު އެބަތިބި. އެކަމަކު، މިހާރު އަޅުގަނޑުމެންނަށް އާސަންދައިގެ ހިދުމަތް ދެވޭއިރުގައި އެއްވެސް ތަފާތު ކުރުމެއް ނެތް.” އާސަންދައިގެ ހިދުމަތް އެންމެ މުއްސަނދި މީހާއަށާއި ނިކަމެތި މީހާ އަށް ވެސް ލިބެމުން އަންނަ ކަން ފާހަގަ ކުރައްވައި ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އާސަންދައަށް އެކްސެސްވާ މީހާއަށް އާސަންދަ ލިބޭ ކަމަށާއި އެކްސެސް ވުމަށް އުނދަގޫވާ މީހާއަށް އަދި އެކަމުގެ އެންމެ ފުރިހަމަ މައުލޫމާތު ނެތް މީހާއަށް ގިނަ ފަހަރު “ޑިސްއެޑްވާންޓޭޖް” ލިބޭ ކަމަށެވެ.
“އަޅުގަނޑުމެން ބޭނުން ވަނީ ހަގީގަތުގައި އެ ބޭނުންވާ ފަރާތްތަކަށް، ހަގީގީ މާނައިގައި މިކަން (އާސަންދަ) ކުރަން. އިރާދަކުރެއްވިއްޔާ އެގޮތަށް ބައްޓަން ކުރެވިގެންދާނެ،” މިނިސްޓަރު ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި އާސަންދަ ރިފޯމް ކުރައްވާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި ވެސް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.