މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ނިންމައިފިއެވެ.
މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހާ ގުޅިގެން ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިޔާތެއްގައި ވާހަކަދައްކަވަމުން މިކަން އިއުލާނުކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ރަސްމިޔާތުގައި ރައީސް ވަނީ މަޖީދިއްޔާ ސްކޫލުގެ “ސައްތަވީ ބިނާ” އިފުތިތާޙްކޮށްދެއްވައިފައެވެ.
އެގޮތުން މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތް ވެގެންދާނީ ރާއްޖޭގައި ފުރަތަމަ ފަރަހަށް ގާއިމުކުރެވޭ ސްމާޓު ކްލާސްރޫމުތަކާ އެކު އިމާރާތްކުރެވޭ ސްކޫލަށް ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
40 ކްލާސްރޫމާއެކު އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި އައު މަޖީދިއްޔާ އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލާ ޖެހިގެން އޮންނަ، ކުރީގެ ދަރުމަވަންތަ ސްކޫލް ހިނގި ބިމުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި އިތުރަށް ރައީސް ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ އިސްދަރިވަރުންގެ ފަހުރެއް ކަމުގައިވާ ދާރުލް އުލޫމާ ކުރިބޯށި އިމާރާތް ނެޝަނަލް އެޑިޔުކޭޝަން މިއުޒިއަމެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށެވެ.