ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރެއް މަގާމުން ވަކިކޮށްފި އެވެ.
ރައީސް ޑރ. މުޢއްޒު ވަނީ ރައްޔިތުންގެ މަޖިލީހުން މިމެންބަރުން މަގާމުން ވަކިކުރުމަށް ލަފާ އެރުވުމުން މިއަދު މިމެންބަރުން މަގާމުން ވަކި ކުރައްވާފަ އެވެ.
އެގޮތުން މިއަދު ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކޮށްފައި ވަނީ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި، ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް އާއި، މެންބަރު އަހުމަދު އަޝްރަފް އަދި މެންބަރު ހަދީޖާ ނައީމް އެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލަ ބެލުމަށްފަހު، މަޖިލީހުގެ ތަޅުމަށް އެމައްސަލަ ހުށަހަޅާފައެވެ. އަދި މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ ޓްރައިބިއުނަލް މެންބަރު އިސްމާއީލް ސާޖިދު ފިޔަވައި ދެން ތިބި ހަތަރު މެންބަރުން ވަކި ކުރުމަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލް އާއި ގުޅިގެން ބޭއްވި ސިއްރު ބައްދަލުވުމުގައި ކޮމިޓީން ވަނީ ޓްރައިބިއުނަލްގެ ވަކިވަކި މެންބަރުންނާއި ރެޖިސްޓްރާ އަބްދުﷲ ހިލްމީ އާއި ބައްދަލު ކުރައްވާފައެވެ. އަދި ޓަރައިބިއުނަލްއަށް ޒިޔާރަތްކުރައްވާ އެތަނުގެ ހާލަތު ވެސް ވަނީ ބައްލަވާފައެވެ.
ކޮމިޓީން ބެލިބެލުމުން ޓްރައިބިއުނަލް ބައެއް މެންބަރުންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ނުހައްގު މުއްސަނދިކަން ހޯދިކަމަށް ތުހުމަތު ކުރެވޭތީވެ އެކަންކަން ބެލުމަށް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފަ އެވެ.
މީގެއިތުރުން، ޓްރައިބިއުނަލް އޮފީސް ހިންގަމުންދަނީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު ޖާގައިގެ އޮފީހަކަށް ވާތީވެ ދައުލަތަށް މާލީ ބުރަ ކުޑަކުރަން އަންގާފައިވާއިރު ޓްރައިބިއުނަލުގެ ބެންޗް ކަނޑައެޅުމާއި ރިޔާސަތު ކަނޑައެޅުމުގެ ބާރު ރައީސަށް ދީފައި އޮތްއޮތުން ބަދަލުކޮށް، ގަވައިދު އިސްލާހުކުރުމަށް ވެސް ވަނީ ހުށަހަޅާފައިވެއެވެ.