-Advertisement-

-Advertisement-

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ހަމަޖައްސަނީ

ފެނަކަ: ފޮޓޯ/ ހަތާވީސް އެމްވީ

ފެެނަކައަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމައިފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ހިއްސާއެއް އެސްޓީއޯއިން ގަނެ ފެނަކައަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އިއްޔެއެވެ.

ވަޒީރުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާއަށް ފިނޭންސް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު ރައީސް މި ނިންމެވުން ނިންމެވީ، ޔުޓިލިޓީ ސެކްޓަރ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމަށްކަމުގައި ރައީސް އޮފީހުން ވިދާޅުވެއެވެ.

މީގެ އިތުރުން ފެނަކައިގެ ހިންގުން ހަރުދަނާކޮށް އެ ކުންފުންޏަކީ މާލީގޮތުން ބާރުވެރި ކުންފުންޏަކަށް ހެދުމަކީވެސް މި ނިންމުން ނިންމެވި މަޤްސަދެއްކަމުގައި އެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސުމަށްޓަކައި އެސްޓީއޯގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އެސްޓީއޯ ގްރޫޕްގައި އަމަލުކުރަމުން އަންނަ ގޮތަށް ގަވަނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބުކުރުމުގެ ފުރިހަމަ އިހްތިޔާރު އެސްޓީއޯއަށް ދިނުމާއެކު ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒް ކުރުންފަދަ ކަންކަމުގެ އިހްތިޔާރު އެސްޓީއޯ އަށް ދިނުމަށް ރައީސް ވަނީ ނިންމަވައިފައެވެ.

މި ނިންމުމުގެ ދަށުން ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިހްތިޔާރުވެސް އެސްޓީއޯއަށް ލިބިގެންދާނެއެވެ.

އެހެން ނަމަވެސް ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް ވީ ވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލު ކުރެވޭނެ ގޮތްތަކެއް ބެލިގެންދާނެކަމުގައިވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މަރުހަލާ ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސްޓީއޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފެއްދުމަށްވެސް ވަނީ ނިންމަވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-