ރަސްމީ ދަތުރުފުޅެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ސައުދީ އަރަބިއްޔާ އަށް ހޯމަ ދުވަހު ފުރާވަޑައިގެންފިއެވެ.
ޓަރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއީ ސައުދީ އަރަބިއްޔާގެ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ސޯލިހު ބިން ނާސިރު އަލްޖަސިރާއި އެ ގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ ރައީސް އަބްދުލްއަޒީޒް އަލް ދުއައިލެޖްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅުކެވެ.
މިދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް މަދަނީ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާކޮށް، ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ރެގިއުލޭޓަރީ ފްރޭމްވޯކްތައް ގާއިމު ކުރުމާ މެދު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.