ރާއްޖޭން ބޭރު އާމްދަނީ ލިބޭ މީހުން ބޭންކުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެންސީ ޖަގަހާއިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެމްއެމްއޭގެ ރެގިއުލޭޝަނަށް ބަދަލުގެނައުމަށް ނިންމާފައި ވާކަށާއި އެމްއެމްއޭގެ މަނިޓަރީ ރެގިއުލޭޝަނާއި މަނީ ޗޭންޖަސް ރެގިއުލޭޝަނަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
“މި ބަދަލުގެ ސަބަބުން ވާ ގޮތަކީ، ބޭރުގެ ފައިސާއިން އާމުދަނީ ލިބޭ ވިޔަފާރިތައް ރާއްޖޭގައި ވަރަށް ގިނައިން އެބަ ހިންގާ. މި ފައިސާ ބްލެކް މާކެޓުގައި މިހާރު މި މާރުކުރާ މާރުކުރުން ނިމުމަކަށް އައިސް ބޭންކަށް މާރުކުރަން މަޖުބޫރު ވާނެ،” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއަށް އަންނަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓުތަކުގެ ނަފާ ރާއްޖޭގެ ބޭންކުތަކުގައި ހިފެހެއްޓުމަށް ހިތްވަރު ލިބޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓު އަދި ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ރެގިއުލޭޝަން ވެސް ބަދަލުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
“އޭގެ ސަބަބުން، ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް ހިތްވަރު ދެވި، ރާއްޖޭގެ ޑޮލަރު ގިނަ ދުވަސް ވަންދެން ހިފެހެއްޓިގެން ދާނެ. އޭގެން ވެސް ފައިދާ ކުރާނެ ރާއްޖެއަށް،” ރައީސް ވިދާޅުވިއެވެ.
މިބަދަލު ގެނެވުމުން ޑޮލަރު މާރުކުރާ ތަންތަނާއި ބޭންކާ ގުޅިފައިވާނޭ ކަމަށާއި ބޭންކުން އެތަންތަން ގާތުން ބަލާ މޮނިޓާ ކުރައްވާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑޮލަރު މާރުކުރާ ތަންތަން ގިނައިން ހިނގަނީ ބޭރު މީހުން ކަމަށެވެ. އަދި މިތަންތަނުން ބޭންކުން އިއުލާނު ކުރާ ބޭންޑުތަކަށްވުރެ މަތިން ޑޮލަރު މާރުކުރަން އުޅޭނަމަ އެތަންތަނަށް ނުދިއުމަށް ވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އަދި އޭރުން ޑޮލަރުގެ ރޭޓު ހިފެހެއްޓޭނެ ކަމަށާއި ބޭންކުގެ ތެރޭގައި ޑޮލަރުގެ ރިޒާވް ބޮޑުކުރެވި ނަތީޖާއެއްގެ ގޮތުން ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.