މާލީ ވުޒާރާއިން އެކުލަވާލި ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފިއެވެ.
މާލީ ވުޒާރާއިން ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި މި ގޮތަށް އެކުލަވާލިކަމުގައި ވިއަސް، މި ކަމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމާ ގުޅޭ ގޮތުން އެ ވުޒާރާއިން އަދި ވަކި ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ވަނަ އަހަރު ހާމަނައިޒް ކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން މިހާރު ގެންދަނީ ކުރަމުންނެވެ.
ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް މި އަހަރުގެ ބަޖެޓުގައި 12 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ ބަޖެޓުގެ 25 އިންސައްތައެވެ. ސިވިލް ސާވިސްގައި 30000އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ އިރު، މި އަހަރުގެ ބަޖެޓުގައި މުސާރަ ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ސަރުކާރު މުވައްޒަފުންގެ މުސާރަ ހާމަނައިޒް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ 2022 ވަނަ އަހަރެވެ. މިހާތަނަށް ސަރުކާރު މުއައްސަސާތަކުގެ 46 އިންސައްތަ މީހުންގެ މުސާރައަށް ބަދަލު ގެނެސްފައިވެއެވެ.