ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދެމުން ދިޔަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރުމުގެ ޚިދުމަތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ދަށަށް ބަދަލުކޮށްފިއެވެ.
މި ކަމާ ގުޅިގެން އެމްއެފްޑީއޭއިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު ތަންފީޒުކުރަން ފެށުމާ ގުޅިގެން، އެޗްޕީއޭއިން ދެމުން ދިޔަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރުމާއި ހުއްދަ ދިނުމުގެ މަސައްކަތް މީގެ ފަހުން ކުރާނީ އެމްއެފްޑީއޭއިންނެވެ.
އެޗްޕީއޭއިން ކުރިން ދެމުން ދިޔަ މި ޚިދުމަތަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަންތައް ހުށަހަޅަމުން ދިޔައީ “ވަންގަވް” މެދުވެރިކޮށެވެ. ނަމަވެސް މި ޚިދުމަތަށް ގެނެވުނު ބަދަލާ ގުޅިގެން ޚިދުމަތް އެމްއެފްޑީއޭގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާތީ “ވަންގަވް” މެދުވެރިކޮށް މި ޚިދުމަތް ދިނުން މި ވަގުތު ވަނީ ވަގުތީ ގޮތުން މެދުކަނޑާލެވިފައެވެ. އެމްއެފްޑީއޭއިން ހާމަކުރި ގޮތުގައި މި ޚިދުމަތް އަލުން ފެށޭނީ އަންނަ ބުރާސްފަތި ދުވަހެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް، ސާފު ތާހިރުކަން ކުޑަ ގޮތްގޮތަށް ކާބޯތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލަ ބޮޑުވެފައިވާތީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާނޫނީ އިމުގެ ތެރެއިން “ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނު” ތަންފީޒުކުރުމުގެ މަސައްކަތް އެމްއެފްޑީއޭއިން މިހާރު ވަނީ ފަށައިފައެވެ.