ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓަރ ބޭނުންކޮށްގެން ކަރަންޓު ބޭނުންކުރެވޭ މިންވަރު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޠާރިޤް މިފަދައިން ވިދާޅުވީ ދ. ކުޑަހުވަދޫގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް ބޭނުންކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ކުޑަހުވަދޫގެ ހުރިހާ ގޭބިސީއެއްގައި ބޭނުންކުރާ ކަރަންޓު މީޓަރުތައް ޑިޖިޓަލް ސްމާޓް މީޓަރަށް ބަދަލުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢު މިހާރު ވަނީ ނިންމާލެވިފައެވެ. ޠާރިޤް ވިދާޅުވީ ޑިޖިޓަލް ސްމާޓް މީޓަރު ބޭނުންކުރަން ފެށުމާއެކު، ކަރަންޓު އެންމެ ގިނައިން ބޭނުންކުރެވޭ ވަގުތުތައް ދެނެގަނެވޭނެކަމަށެވެ. އަދި ގޭބިސީތަކުގައާއި ރަށުގެ ކޮންމެ ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވިނަމަ ވެސް އެނގޭނެކަމަށް ޠާރިޤް ވިދާޅުވިއެވެ.
ކަރަންޓު އެންމެ ގިނައިން ބޭނުންކުރެވޭ ވަގުތުތައް ދެނެގަނެވި، އާންމުން ކަރަންޓު ބޭނުންކުރުމުގައި އެ ކަމަށް ސަމާލުވާކަމުގައިވާ ނަމަ މި މަޝްރޫޢު އެއްކޮށް ނިމުމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކަރަންޓުގެ އަގު ކުޑަވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
“މީގެ އެންމެ މުހިންމު އެއްކަމަކީ އެ ގޭބިސީއެއްގައި އެ ދުވަހަކު ކަރަންޓު ބޭނުންކުރެވޭ މިންވަރު އެނގިގެންދާނެ. މީގެ މާނައަކީ ހަކަތަ އިޤްތިޞާދު ކުރުމަށް އެޅިގެންދިޔަ ފިޔަވަޅެކޭ މިއީ. ކަރަންޓު ލީކެއް އުޅޭނަމަ މީގެ ސަބަބުން އެނގިގެންދާނެ.” ވަޒީރު ވިދާޅުވިއެވެ.
ޠާރިޤް ވިދާޅުވީ ޑިޖިޓަލް ސްމާޓް މީޓަރު ހަރުކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ މަޝްރޫޢެއްކަމަށެވެ.