-Advertisement-

-Advertisement-

ހިޔާ ފްލެޓްތަކުގެ 13 ޓަވަރެއްގައި ލިފްޓް އިތުރު ކުރަނީ

ހިޔާ ފްލެޓް ސަރަހައްދު. ފޮޓޯ: ސޯޝަލްމީޑިއާ

ހިޔާ ޓަވަރުތަކުގައި ލިފްޓު އިތުރުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން 13 ޓަވަރެއްގައި ލިފްޓު ގާއިމުކުރުމުގެ މަސައްކަތް އަމަލީގޮތުން ފެށިފައިވާކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ޖުމްލަ 16 ހިޔާ ޓަވަރު ހިމެނޭ އިރު، މިއިން ކޮންމެ ޓަވަރެއްގައި 2 ލިފްތު އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ޖުމްލަ 32 ލިފްޓު ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ. އެއީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު ސްޓްރެޗަރ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. 14 މީހުންގެ ޖާގައިގެ މި ލިފްޓުތަކުގައި ލޮލަށް ފެނުމުން މަޙުރޫމްވެފައިވާ މީހުންނަށް އެނގޭނެހެން ފްލޯ ނަމްބަރު ބްރެއިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ ޢަމަލީ މަސައްކަތް ފުރަތަމަ ފަށާފައި ވަނީ މި އަހަރުގެ އޭޕްރީލް މަހެވެ. މި ވަގުތު 13 ޓަވަރެއްގައި ލިފްޓް އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު، ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ބާކީ ހުރި ޓަވަރުތަކުގައި ވެސް ލިފްޓު އިތުރުކުރުމުގެ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާކަމަށް އެޗްޑީސީން ހާމަކުރެއެވެ.

މި މަޝްރޫޢުގެ 23% މަސައްކަތް މިހާރު ނިންމާލެވިފައިވާ އިރު، އަންނަ އަހަރުގެ ތެރޭގައި ހުރިހާ ހިޔާ ޓަވަރުތަކެއްގެ ލިފްޓު ގާއިމުކުރުމުގެ މަސައްކަތް ނިންމާލެވޭނެކަމަށް އެޗްޑީސީން ވަނީ ލަފާކޮށްފައެވެ.

އެޗްޑީސީން މި މަޝްރޫޢު ކުރިއަށްގެންދަނީ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާ ޙަވާލުކޮށްގެންނެވެ.

ހިޔާ ޓަވަރުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ އެއްފަހަރާ ގިނަ ބަޔަކު ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ލިފްޓުން ޖާގަ ނުލިބި ތޮއްޖެހިފައި ތިބެން ޖެހުމުގެ މައްސަލައެވެ. މި މައްސަލަ ހައްލުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-