-Advertisement-

-Advertisement-

ޖަލުގައި މަސައްކަތް ކުރާ ކޮންމެ ދުވަހެއް ޙުކުމުން އުނިކުރަން ގާނޫނަށް އިސްލާހު ގެންނަނީ

ފޮޓޯ: ހޯމް މިނިސްޓްރީ

ޖަލުގައި ގައިދީން މަސައްކަތް ކުރާ ކޮންމެ ދުވަހެއް ޙުކުމުން އުނިކުރަން ގާނޫނަށް އިސްލާހު ގެންނާނެ ކަމަށް ދާހިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މާފުށި ޖަލުގައި “ދިވެހި ސަގާފީ ގޯތި” ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ގައިދީން ޖަލުގައި މަސައްކަތް ކުރާ ކޮންމެ ދުވަހެއް ޙުކުމުން އުނިކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަކީ ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ އައު ސިޔާސަތެއް ކަމަށެވެ.

“ރައީސުލްޖުމްހޫރިއްޔާ އަދިވެސް ކަނޑައަޅާފައިވާ އާ ސިޔާސަތެއް މިއަދު އަޅުގަނޑު އިއުލާން ކޮށްލާނަން، ގައިދީންގެ ތެރެއިން ރިހެބިލިޓޭޝަންގެ މަސައްކަތުގައި ބައިވެރިވާ ކޮންމެ ގައިދީއަކު، އެއީ އެ މީހާ އިލެކްޓިރިކަލް އިންޖީނިއަރިންގ ދާއިރާއިން ވިޔަސް، ރޭނުމުގެ ދާއިރާއިން ވިޔަސް، ސަގާފީ ދާއިރާއިން ވިޔަސް، މަސައްކަތުގެ އުގެނުމަށް ނުވަތަ މަސައްކަތް ކުރުމަށް ޖަލުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކީ އޭނާގެ ޖަލު ހުކުމުން އެއް ދުވަސް އިތުރަށް ކެނޑިގެން ދާނެ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުން،” ވަޒީރު ވިދާޅުވިއެވެ.

އެގޮތުން މިކަމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނެސް، ހަރުދަނާ ގޮތެއްގައި މިކަން ކުރުމަށް އުސޫލެއް އެކުލަވާލުމަށްފަހު ގައިދީންނަށް އިއުލާން ކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ގައިދީން ރިހެބިލިޓޭޓް ކުރުމުގައި ގައުމިއްޔަތާއި ސަގާފަތް ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް އޮތްތޯ ބަލައި އެގޮތަށް އަމަލު ކުރުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށާއި މިއަދު ހުޅުވި ސަގާދީ ވިލެޖަކީ މިގޮތަށް ކުރެވޭ އެންމެ ބޮޑު މަސައްކަތަށް ވެގެން ދާނެ ކަމަށެވެ. އަދި ރައީސްގެ އިރުޝާދާއި އެއްގޮތަށް މިވިލެޖްގައި ގައިދީންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ މަސައްކަތްތައް ދަސްކޮށްދެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ސަގާފީ ވިލެޖްގައި ގައިދީން ކުރާ މަސައްކަތުން ލިބޭ އާމްދަނީގެ ބައެއް ގައިދީންނަށް ލިބޭނެ ސީދާ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިމަސައްކަތުގެ އަމާޒަކީ ހުރިހާ ގައިދީންނަކީ ވެސް ޖަލުތަކުގައި ދާ ދުވަސްތަކުގެ ތެރޭގައި ރަނގަޅު ފަންނުވެރި މަސައްކަތެއް ދަސްކޮށްގެން އާމްދަނީ ލިބޭނެ މަގެއް ހޯދައިގެން މުޖުތަމައަށް އަނބުރާ އަވަހަށް ނުކުމެވޭނެ މީހަކަށް ހެދުން ކަމުގައި ވަޒީރު ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ ވިސްނުމެއް ނޫން ޖަލުތަކުގެ ތޭރިތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މީހުން ގެންގުޅުމަކީ، މިތަނަށް ވަނުމާއެކު އިސްލާހީ މަސައްކަތްތައް ފެށި، އެ މީހާ ކުރަން ޖެހޭ ކަންތައްތައްކޮށް، ބަރާބަރަށް ދަސްކުރަން ޖެހޭ ކަންކަން ދަސްކޮށްގެން މުޖުތަމައަށް އަނބުރާ ބޭނުންތެރި ދިވެއްސެއްގެ ގޮތުގައި ގޮސް، ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތުގައި އުޅެން، ރައީސުލްޖުމްހޫރިއްޔާ ތިބޭފުޅުންގެ ފަރާތުން އެދިލައްވާ އެދުމަކީ،”. އިހުސާން ވިދާޅުވިއެވެ.

އެހެންކަމުން މިކަން ހާސިލް ކުރެވޭ ގޮތަށް ކަރެކްޝަނަލް ސާވިސްގެ ޕްރޮޓޮކޯލްތަކާއި، ކަރެކްޝަނަލް ސާވިސް އިން ގެންގުޅޭ ރިހެބިލިޓޭޝަން ޕްރޮގްރާމް ބަދަލު ކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-