ސެންޓްރަލް ޖަލު އެޅުމުން ބޮލަކަށް ޖެހޭ ޚަރަދު ކުޑަކުރެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއަދު މާފުށީ ޖަލުގައި ބޭއްވި “ދިވެހި ސަގާފީ ގޯތި” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޖަލު ހިންގުމަކީ ވަރަށް ޚަރަދުބޮޑު ކަމެއް ކަމަށާއި މަހެއްގެ މައްޗަށް ބޮލަކަށް 27000 ރުފިޔާ ޚަރަދުވާ ކަމަށެވެ. އަދި ޖަލުގެ ހަރަދު ކުޑަކުރުމުގެ މައްޗަށް ދިރާސާ ކުރުމަށްފަހު ސެންޓަރަލް ޖަލެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އުތުރު ތިލަފަޅުގައި ގާއިމުކުރުމަށް ނިންމާފައިވާ މި ސެންޓަރަލް ޖަލު ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށާއި އެޖަލާއި އެކު ހަރަދު ކުޑަކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
“އެތަން ހެދި ތިން އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ޚިދުމަތަށް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މިކުރިއަށްދަނީ. އެ ހިސާބުން ބޮލަކަށް ޖެހޭ ޚަރަދު ގާތްގަނޑަކަށް 17000 ރުފިޔާއަށް ކުޑަކުރެވެގެންދާނެ ކަމަށް އަޅުގަނޑުމެންގެ މިހާރުގެ ހިސާބުކިތާބުތަކުން ދައްކަނީ. އަޅުގަނޑުމެން ކުރާ އުއްމީދަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކޮށް ޖަލުތަކުން ނެރެވޭ ނަތީޖާ އިތުރުކުރުން” ވަޒީރު ވިދާޅުވި އެވެ.
މިހާރު އެކި ރަށްރަށުގައި ވަކިވަކިން ހިންގަމުން އަންނަ ޖަލުތައް އެއްކޮށްލާ، މައި އެއް ޖަލަކުން ހުރިހާ ޚިދުމަތްތައް ދެވޭނެ ގޮތަށް ނިޒާމު ބައްޓަންކޮށް ގައިދީން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ވިސްނުންފުޅެވެ. އަދި މިފަދައިން ސެންޓްރަލް އެއްޖަލެއް ގާއިމް ކުރި ކަމުގައިވީ ނަމަވެސް އެކި ކަހަލަ ކުށްތަކުގައި ތިބި ގައިދީން ބެލެހެއްޓުމުގެ ކަންކަން މިހާރެކޭ އެއްގޮތަށް ވަކިކޮށް ބަލަހައްޓަމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.