ރާއްޖޭގައި ލޭނުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމުމަށް ކުރީގެ މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.
ސަރުކާރުން ވަނީ ލޭނުގެ މަސްވެރިކަމަށް ފުރުސަތު ދޭނެ ކަމަށާއި އެކަމާ ގުޅޭ ހުރިހާ އިޖުރާތުތަކެއް ފުރިހަމަކުރުމަށްފަހު، ވީހާވެސް އަވަހަކަށް ލޭނު މަސްވެރިކަމަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.
އެހެންނަމަވެސް، އެކަމާއި ގުޅިގެން ‘ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން’ ގެ ފަރާތުން ރައީސްއަށް ހުށަހެޅި ކަންތައްތަކަށް ރިޢާރަތް ކުރައްވައި ރައީސް ޑރ. މުޢިއްޒު ވަނީ ލޭނުގެ މަސްވެރިކަން ހުއްދަ ނުދޭން ނިންމަވާ އެކަން އިއުލާން ކުރައްވާފައެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒުގެ ނިންމެވުމަށް ތާއިރީފް ދަންނަވާ ވިދާޅުވެފައި ވަނީ ލޭނުގެ މަސްވެރިކަމަށް ހުއްދަ ދީފިނަމަ ޓޫރިޒަމް އާއި މަސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ރާއްޖޭގެ އަގު ވެއްޓޭނެކަށެވެ.
Congratulations, President Muizz, for scrapping the Fisheries Ministry's plan for long-lining in Maldives. It would have damaged our tourism brand, and the global reputation of Maldivian tuna fisheries. It's the right call. @MMuizzu
— Mohamed Nasheed (@MohamedNasheed) August 29, 2024
ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން މިހާރުވެސް ކުރަމުންދަނީ ތިމާވެއްޓާ އެންމެ ރައްޓެހި މަސްވެރިކަން ކަމަށާއި ބޮޑެތި ފެކްޓަރީ ބޯޓު ފަހަރުގައި ކަނޑުގައި ގުޑިލާ ކޮންމެ އެއްޗެއް ބާނަމުން އަންނަ އީޔޫ އާއި އިނގިރޭސިވިލާތުން ރާއްޖޭގެ މަސް އިމްޕޯޓު ކުރަން ޑިއުޓީ ނަގާ ކަމަށެވެ. އަދި މިކަން ބަދަލުވާން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.