މާލޭގައި ރޭ އަންހެނަކު ރަހީނުކޮށް ކަރުގައި ވަޅި ޖައްސައިގެން ބިރުދައްކާފައި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުން ދިރިއުޅެމުން އަންނަ ގޭގެ ކުއްޔާ ގުޅޭ ގޮތުން ދެމީހުންގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމެއްގަ އެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ މިހާރު އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ފިލަން އުޅެފައި ވަނީ ހެޕީލޭންޑް، ށ. މިލަންދޫ އަހުމަދު އަތުހަރު އެވެ.
މީސްމީޑިއާގައި އާންމުވެފައިވާ މިހާދިސާގެ ވީޑިއޯތަކުން އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން އަންހެން މީހާ ސައިކަލުގެ ކުރީގައި ބައިންދައި އަތުހަރު ފުލުހުންނާ ވާހަކަތަކެއް ދެއްކާތަން ފެނިގެންދެ އެވެ. ފުލުހުން އޭނާއަށް މަގު ދެއްކުމުން އަންހެން މީހާ ގޮވައިގެން ސައިކަލުގައި ނައްޓާލައިގެން އޭނާ މަސައްކަތް ކޮށްފައި ވަނީ ރަތްދެބައިމަގުގައި ހުރި ގެއަކަށް ދާން ކަމަށް މިހާރުން ރިޕޯޓް ކޮށްފައިވެ އެވެ.
އަންހެން މީހާގެ ކަރުގައި ވަޅިޖައްސައިގެން އޭނާ ދާން މަސައްކަތް ކުރި ގަނޑީގައި ސައިކަލު މަޑުކޮށްލި ވަގުތުގައި ފުލުހުން އޭނާގެ ފަހަތުން އައިސް ބުގުރި ބުރިއަކުން އޭނާއަށް ހަމަލާދީ އަންހެން މީހާ ސަލާމަތް ކޮށްފައިވާއިރު، އެދެމީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ރޭގެ ވަގުތެއްގައި ފުލުހުން ބުނެފައިވެ އެވެ.
އެހެންނަމަވެސް މިބޮޑު ހަމަނުޖެހުން މިދެވެރިވާން ދިމާވީ އެ ދެ މީހުން ދިރިއުޅޭ ގޭގެ ކުލި ނުދެއްކިގެން ފެށުނު ޒުވާބެއްގެ ސަބަބުން ނެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭ މިދެމީހުން އެއްތަނެއްގައި ދިރިއުޅެމުން ދިޔައިރު، އެމީހުންނާއި އެކު އެގޭގައި އިތުރު މީހަކު ވެސް ދިރިއުޅެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަތުހަރު ވަޒީފާއަށް ނުދާތީވެ ގެއަށް ކުލި ދައްކަނީ އަންހެން މީހާއެވެ. އަދި މިހަމަނުޖެހުން މެދުވެރިވި ސަބަބަކީ އަބަދު އެގޮތަށް ފައިސާ ދެވެން ނެތް ކަމަށް ބުނެ އަތުހަރަށް ފައިސާ ދޭން އަންހެން މީހާ އިންކާރު ކުރުމުންނެވެ. އެކަމާއި ރުޅިގަދަ ވެގެން އަތުހަރު އަންހެން މިހާއަށް އަނިޔާކޮށް ގޭތެރޭގައި ކުރި ޒުވާބު ހޫނުވެގެން ދެމީހުން މަގުމައްޗަށް ނުކުތީއެވެ.
ފުލުހުންނަށް މިމައްސަލަ ރިޕޯޓްކޮށްފައި ވަނީ އެގޭގައި އުޅޭ އެހެން ބައެކެވެ. ފުލުހުން އެތަނަށް ދިޔައިރުވެސް އަތުހަރު އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރިއިރު، ކައިރި ވެއްޖެނަމަ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ އޭނާ ވަނީ ފުލުހުންނަށް ބިރު ދައްކާފައެވެ.
އެއަށްފަހު، ސައިކަލަށް އަރައިގެން އަންހެން މީހާ ގޮވައިގެން ދާން މަސައްކަތް ކޮށްފައިވާއިރު، ސައިކަލު މަޑުކޮށްލި ވަގުތެއްގައި ފުލުހުން ވަނީ ފަހަތުން އައިސް މުގުރަކުން އޭނާގެ ބޮލުގައި ޖަހާއި އޭނާ ސައިކަލުން ވައްޓާލާފައެވެ. ފުލުހުންނާއި އާންމުން ވެގެން އަންހެން މީހާ އެތަނުން ސަލާމަތްކޮށް ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.
މުގުރުން ޖެހުމުގެ ސަބަބުން އަތުހަރަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އަންހެން މީހާ އަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.