މާލޭގައި އަންހެނަކު ކަރުގައި ވަޅި ޖައްސައި ރަހީނުކޮށްގެން ފުލުހުންނަށް ފިލަން އުޅުން އާދަމް އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފިއެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުންގެ މީޑިއާއިން ބުނެފައި ވަނީ އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މީގެއިތުރުން ބައެއް މީޑިއާތަކުގައި އޭނާ މަރުވެއްޖެކަމަށް ދެކެވޭ ވާހަކަ ދޮގުކޮށް ފުލުހުން ބުނެފައި ވަނީ އޭނާ މަރުނުވާކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަތުހަރު މަރުވާން މަސައްކަތް ކޮށްފައި ވަނީ އޭނާ ހައްޔަރުކޮށް ބަހައްޓާފައި ހުންނަ ގޮޅީގައި ދަންޖެހިގެންނެވެ.
މިމައްސަލަ އާއި ގުޅިގެން އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު މާލެ މާފަންނުގެ ގެއެއްގައި އަތުހަރު ވަނީ އޭނާގެ އަންހެނުންނަށް ކުލީގެ މައްސަލައެއްގައި އަނިޔާކޮށް ވަޅިން ބިރު ދައްކާފައެވެ.
ފުލުހުން އެތަނަށް ހާޒިރުވެ އަންހެން މީހާ ސަލާމަތް ކުރަން އުޅުމުން އަންހެން މީހާ މަރާލާނެ ކަމަށް ބުނެ، ސައިކަލަށް އަރައި އަންހެން މީހާ ކުރީގަ ބައިންދައިގެން ފިލަން އުޅުމުގެ ތެރޭގައި ފުލުހުން ވަނީ އޭނާގެ ފަހަތުން އައިސް މުގުރު ބުރިއަކުން ޖަހައި އަންހެން މީހާ ސަލާމަތް ކޮށްފައެވެ.
އެއަށްފަހު އޭނާއަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވި އޭޑީކޭ އިން ދޫކޮށްލުމުން ހޮޑުލާތީވެ އަލުން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވެސް ވަނީ އޭނާއަށް ފަރުވާ ދެވިފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އައިޖީއެމްއެޗް ހޮސްޕިޓަލުން ދޫކޮށްލުމުން ފުލުހުން ވަނީ އޭނާ އަލުން ހައްޔަރު ކޮށްފައެވެ. އެއަށްފަހު ޣައިރު ހާޒިރުގައި އޭނާގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.