-Advertisement-

-Advertisement-

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ އާސާރު ދައްކައިލަން ފަށައިފި

ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ އާސާރު ދައްކައިލަން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތްދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ޤައުމީ ދާރުލް އާސާރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހަރަކާތް ފައްޓަވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ފުލުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން އެހެނިހެން ފުލުހުންނާއި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ބޭފުޅުންގެ އިތުރުން އަމީނިއްޔާ ސްކޫލު ދަރިވަރުން ވެސް ވަނީ ބައިވެރިވެފައެވެ.

މިއަދު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ވަޒީރު އާދަމް ނަސީރު އިބްރާހީމް ވަނީ ގަރުނަކާ ގާތްވަމުންދާ ފުލުހުންގެ ޚިދުމަތް ފެށިގެން އައި ގޮތަށް އަލިއަޅުއްވައި ވިދާޅުވީ ފުލުހުންގެ ޔުނިފޯމުގެ ނޫކުލައާއި ރިބަންފަށް ރަމްޒުކޮށްދެނީ ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުންކަމަށެވެ.

ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް

މީގެއިތުރުން، ފުލުހުންގެ އާސާރަކީ ކޮންމެ ގައުމެއްގައި ވެސް ވަރަށް މުޙިންމު އެއްޗެއް ކަމާއި، އެއީ ރައްކާތެރި ކުރަންވާނެ އެއްޗެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ ދިވެހި ފުލުހުންގެ އާސާރުގައިވާ ކޮންމެ އެއްޗެއްގައި ވެސް ދިރުމެއްވާ ކަމަށާއި އެއިން ކޮންމެ އެއްޗެއް ވެސް ފުލުހުންގެ ތާރީހުގެ ވާހަކަ ދައްކާނެކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގެ ފުލުހުންގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވަނީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމަށް ރަމްޒީ ހަނދާނެއް ވެސް އަރުވާފައެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުލުހުން އާސާރު ހުޅުވާލާފައިވާއިރު، އާންމުނަށް ވެސް ފުލުހުންގެ އާސާރަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. އެގޮތުން، މިއަދު 14:00 އިން ފެށިގެން 18:00 އާ ހަމައަށް އަދި 20:00 އިން 22:00 އަށް ހުޅުވިފައި ހުންނާނެއެވެ. އަދި މި މަހު 2 އިން 3 އަށް 9:00 އިން 16:00 އަށް އަދި 20:00 އިން 22:00 އަށް ހުޅުވިފައި ހުންނާނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-