މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދައްކި މައްސަލައިގައި ހައްޔަރުކޮށްފައިވާ އާދަމް އަތުހަރު ދޫނިދޫ ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ ޖަލު ގޮޅިތަކުގެ ކެމެރާ މޮނިޓަކުރަމުން ދަނިކޮށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ދާދި ދެންމެއަކު ފުލުހުން އާންމުކޮށްފައިވާ މިހާދިސާފެ ޓައިމްލައިންއިން ފެންނަ ގޮތުގައި ފުލުހުންނަށް އަތުހަރު ދަންޖެހިފައިވާ ތަން ފުރަތަމަ ފެނިފައި ވަނީ 19:02 ގައި ޖަލު ކެމެރާ މޮނިޓާ ކުރަމުން ދަނަކޮށް ކަމަށެވެ.
އެއަށްފަހު، ވަގުތުން ވަގުތަށް 19:02 ގައި ޖަލު ގޮޅި ހުޅުވައި އާދަމް އަތުހަރު ތިރީގައި ބާއްވާފައިވާ ކަމަށާއި 19:05 ގައި ސްޓްރެޗާއަކަށް ލައިގެން އަތުހަރު ގޮޅުން ނެރެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިއަށްފަހު 19:06 ގައި ދޫނިދޫ ކުލިނިކަށް އަތުހަރު ގެންގޮސް ޑޮކްޓަރު އަތުހަރުގެ ހާލަތު ބަލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަތުހަރު އެމަޖެންސީގައި މާލެ ގެންދިއުމަށް ލޯންޗަށް އަރުވާފައި ވަނީ 19:14 ގައި ކަމަށާއި 19:17 ގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސްއަށް އަރުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އަތުހަރު ދަންޖެހިފައިވާ ތަން 19:02 ޖަލު ކެމެރާއިން ފެނިފައިވާއިރު، 23 މިނެޓް ފަހުން 19:25 ގައި ފުލުހުން ވަނީ އަތުހަރު އައިޖީއެމްއެޗް ގެ އެމަޖެންސީއަށް ގެންގޮސްފައެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވަނީ މިމައްސަލަ މިހާރު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.