މާލޭގައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓާ ދަންޖެހުނުމީހާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމުގައި އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.
އެގޮތުން އައިޖީއެމްއެޗުން ބުނެފައިވަނީ، އަތުހަރުގެ ސިއްހީ ހާލަތަށް އިތުރު ބަދަލެއް ނާންނަކަމަށާއި އޭނާއަށް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗް އައިސީޔޫގައި ވެންޓިލޭޓަރުގައިކަމަށެވެ.
މި މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އަތުހަރުގެ ލޯބިވެރިޔާ ރަހީނުކޮށް ވަޅިން ބިރުދެއްކި މައްސަލައިގައި އޭނާ ހައްޔަރުކުރިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ދެމީހުންގެ ދެމެދުގައި މައްސަލަޖެހުނީ، ގޭގެ ކުއްޔާ ގުޅިގެން އުފެދުނު ހަމަނުޖެހުމެއްގައެވެ.
އަތުހަރު އޭނާގެ ޖަލު ގޮޅި ތެރޭގައި ދަންޖެހިފައި ހުއްޓާ ފެނުނީ ރޭގެ ވަގުތެއްގައެވެ. އޭނާ ވަގުތުން ގެންދިޔައީ އައިޖީއެމްއެޗަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު، މަރުނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަތުހަރު ދަންޖެހުނު މައްސަލަ މިހާރު ފުލުހުން އަންނަނީ ބަލަމުންނެވެ.