އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކުރި ށ.މިލަންދޫ، ހެޕީލޭންޑް، އާދަމް އަޠުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އާދަމް އަޠުހަރު ނިޔައުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ތަހުގީގު ކުރަން ފަށައިފި އެވެ.
އެޗްއާރްސީއެމް އިން ހާމަކޮށްފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް 1 ސެޕްޓެމްބަރު 2024 ވަނަ ދުވަހު އަތުހަރު އަމިއްލައަށް މަރުވާން އުޅުންކަން އެކޮމިޝަނުގެ ސަމާލުކަމަށް ފުލުހުން ގެނައި ވަގުތުން ފެށިގެން ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން މިމައްސަލަ ބެލުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިކަމާ ގުޅުންހުރި މައުލޫމާތުތައް އެއްކޮށް މިމައްސަލަ ބަލަމުން އަންނަ ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އާދަމް އަޠުހަރު ނިޔައުވި މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ވެސް ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
މީގެއިތުރުން، އަޠުހަރު 2024 އޮގަސްޓް 29 ވަނަ ދުވަހުގެ ރޭގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް އެކޮމޮޝަނުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެފައިވެއެވެ.
އެޗްއާރްސީއެމް އިން ހާމަކޮށްފައިވާ ގޮތުގައި އަތުހަރު ހައްޔަރު ކުރުމަށްފަހު، އޭނާއަށް ލިބިފައިވަ އަނިޔާތަކަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް ފުލުހުން އެރޭ އަމަލުކޮށްފައިވާ ގޮތާއި މި ހާދިސާގައި ފުލުހުންގެ ބެލުމުގެދަށަށް އަޠުހަރު ގެނައުމަށްފަހު ސިއްޙީ ފަރުވާ ފޯރު ކޮށްދިނުމުގައި ހާދިސާ ހިނގި ރެއިން ފެށިގެން ފުލުހުން އަމަލުކޮށްފައިވާ ގޮތް ވެސް ކޮމިޝަނުން ދަނީ ބަލަމުންނެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުން މިއަދު ހިއްސާކޮށްފައިވާ ޓައިމްލައިން އިން ދައްކާ ގޮތުގައި އަތުހަރު ދަންޖެހިފައިވާ ތަން ފުލުހުންނަށް ފެނިފައި ވަނީ އާދިއްތަ ދުވަހުގެ ރޭ 19:02 ގައި ޖަލު ކެމެރާ މޮނިޓާ ކުރަމުން ދަނިކޮށެވެ.
އެއަށްފަހު 23 މިނެޓްގެ ތެރޭގައި އަތުހަރު މާލެ ގެނެސް އައިޖީއެމް އެމަޖެންސީއަށް ވައްދާފައިވާ ކަމަށް ވެސް ފުލުހުން ހިއްސާ ކޮށްފައިވާ ޓައިމްލައިން އިން ދައްކައެވެ.
ފުލުހުން މިއަދު ހަވީރު ހިއްސާ ކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހޯމަ ދުވަހުގެ 16:08 ހާއިރު އަތުހަރު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މިއާއި ގުޅިގެން އަތުހަރު ދަންޖެމުގެ ސަބަބުން ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވި ސަބަބު ދެނެގަތުމަށް އޭނާގެ އޯޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.