މީގެ 45 އަހަރު ކުރިން އަމަލު ކުރަމުން އައި ފޮރިން އިންވެސްޓްމެންޓް ގާނޫނު ބަދަލުކޮށް ފާސްކޮށްފައިވާ އާ ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ތަޝްދީޤް ކުރައްވައި ގެޒްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު މަޖިލިހަށް ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލިހުގެ އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް މަޖިލިހަށް ހުށަހެޅުމުން މަޖިލިހުން ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަނީ އެ ބިލު ކޮމެޓީން ދިރާސާކުރިގޮތަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލިހުން ފާސްކުރުމަށް ނިންމައިފައެެވެ.
ފޮރިން އިންވެސްޓްމަންޓުގެ ބިލު މަޖިލިހަށް ހުށަހަޅުއްވަމުން އަޒާން ވިދާޅުވީ، މި ބިލުގެ ޒަރީއާއިން ރާއްޖޭގެ ވިޔާފާރީތަކަށް ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުުރުމަށް ފަހި މާހައުލެއް ކަށަވަރުކޮށްދިނުމަށް ބޭނުންވާކަންކަން ފަހިވެގެން ދާނެކަމަށެވެ.
އެގޮތުން ފޮރިން އިންވެސްޓްމަންޓު ކުރެވޭ ދާއިރާތައް ކަނޑައެޅޭނެ އުސޫލުތަކާއ،ި އިންވެސްޓުކުރުމުގެ ހުއްދަ ދޫކުރުމާ ގުޅޭ އުސޫލުތަކާއ،ި އިންވެސްޓަރުންނަށް ލިބިދޭ ހިމާޔަތާއި ރައްކާތެރިކަމާ ގުޅޭ އުސޫލުތަކާއ،ި އިންވެސްޓްމަންޓުތައް ދައުލަތަށް ނެގޭނެ ހާލަތާއ،ި އެފަދަ ހާލަތުގައި އިންވެސްޓްމަންޓުތަކަށް ބަދަލުދޭނެ އުސޫލުތައް މި ބިލުގައި ހިމެނިފައިވާނެކަމަށް އަޒާން ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ އިޤުތިޞާދު ސިންދަފާތުވެފައި ނެތުމަކީ ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރަށް މަސްވެރިކަމާއި ދަނޑުވެރިކަމާއ،ި ޓެކްނޮލޮޖީގެ ދާއިރާއިން އަދި ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓުތައް ބޭނުންވާ ކަމަށެވެ.