މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރުމަށް ޝައުޤުވެރިވާ މީހުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމީކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މާލޭ ސަރަހައްދުގައި އިމާމުވެ ހުކުރު ކުރުމަށް ޝައުޤުވެރިވާ މީހުން އެކަމަށް އެދި ފުރިހަމަ ކުރަންޖެހޭ ފޯމު ފުރިހަމަކުރުމަށްފަހު އެ މިނިސްޓްރީގެ ލިންކް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅުމަށެވެ.
އިމާމުވެ ހުކުރުކުރުމަށް ޝައުޤުވެރިކަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިމާމުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއުއެއް ކޮށް އޭގެ ތެރެއިން ރީތިކޮށް ޤުރުއާން ކިޔަވާ، ފަރިތަކޮށް ޚުތުބާ ކިޔާ މީހުންގެ ތެރެއިންކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
https://x.com/Mohamedshaheem1/status/1830863625327878417
އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ވަނީ މާލޭ ސިޓީގައި ޚުތުބާ ކިޔާ މީހުންގެ ލިސްޓު މި ހަފުތާގައި މުރާޖާކުރަން ނިންމާފައިވާ ކަމަށް މިދިޔަ ހަފުތާގައި އިއުލާނުކުރައްވައިފައެވެ.
އަދި މާލޭ ސަރަހައްދުގައި އިމާމުވެ ހުކުރުނަމާދު ކުރުމުގައި އިލްމީ، ގާބިލު، އަދި ހުނަރުވެރި ބޭފުޅުންނަށް ފުރުސަތު ދޭން އިސްކަން ދެއްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ދާދިފަހުން އިސްލާމިކް މިނިސްޓްރީން ވަނީ ޒުވާން ޚަތީބުން އުފެއްދުމުގެ މަޝްރޫއެއް ވެސް ފަށައި އެ ޕްރޮގްރާމްގެ ދަށުން ސްކޫލު ނިމިފައިތިބި ގިނަ ކުދިންތަކަކަށް ޚަޠީބުކަމުގެ ތަމްރީނުދީފައެވެ.