މާލެ ސަރަހައްދުގައި އުފެދޭ ހުރިހާ ކުންޏެއް ޖަމާކޮށް ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކ ތިލަފުށީގައި ކުނި އެޅުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދު ފުރެން ގާތްވެފައިވާތީ އެހެން ރަށަކަށް ކުނި ގެންދިއުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމުގައި ވެމްކޯއިން ބުނެފިއެވެ.
ދައުލަތުގެ މީޑީޔާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވީ، ލަފުށީގައި ކުނިއެޅުމަށް ޚާއްސަކޮށްފައިވާ ސަރަހައްދު ފުރެމުން އަންނާތީ މި އަތޮޅުގެ ނުވަތަ މާލެ އަތޮޅާ ކައިރި އެހެން ރަށެއް އެ ކަމަށް ޚާއްސަ ކުރުމަށް ސަރުކާރާ މަޝްވަރާ ކުރަމުން އަންނަކަމަށެވެ.
އެގޮތުން މާލެ ސަރަހައްދުގައި އުފެދޭ ކުނި ދުވަހެއް ދުވަހަކަށް އިތުރުވެ، ތިލަފުށްޓަށް ގެންދާ ކުނީގެ އަދަދު އިތުރުވުމުގެ ސަބަބުން ކުނި މެނޭޖްކުރުމުގައި ދަތިތަކާއި ކުރިމަތިވެފައިވާކަމުގައި މުޖުތަބާ ވިދާޅުވިއެވެ.
މާލެ އޭރިއާގެ މި ރީޖަންގެ ކުނި އުފައްދާ މިންވަރު އެންމެ ބޮޑުވާއިރު، މާލެ އަތޮޅުން ނުވަތަ މާލެ އަތޮޅާ ކައިރި އޭރިއާއިން އަޅުގަނޑުމެން މި ސެޓަޕް (ކުނި ބަދަލުކުރަން) ޖަހަން މި ޖެހެނީ – މުޖުތަބާ
މީގެ އިތުރުން ކުނީގެ މައްސަލައަށް ދިގު މުއްދަތެއްގެ ހައްލެ ހޯދުމުގެ ގޮތުން އެ މައްސަލައަށް 40 ނުވަތަ 50 އަހަރުގެ ހައްލެއް ހޯދަން ޖެހޭކަން ފާހަގަކުރައްވައި މުޖުތަބާ ވިދާޅުވީ، ކުނި މެނޭޖްކުރުމަށްޓަކައި ލޭންޑިން ކްރާފްޓާއި ޑަމްޕްލޮރީއާއި އެކްސްކެވޭޓާ ފަދަ އުޅަނދުތައް ބޭނުންކޮށްގެން މި ވަގުތައް ވަގުތީގޮތުން އެކަމަށް ހައްލެއް ގެނެވިދާނެކަމަށެވެ.
ހަމައެޔާއެކު މުޖުތަބާ ފާހަގަކުރެއްވިގޮތުގައި ތިލަފުށި ނޫން އެހެން ރަށަކަށް ކުނި ބަދަލުކުރަން ބަލާއިރު އެކަން ކުރެވެން އޮތީ މާލެ އަތޮޅު ނުވަތަ މާލެއާއި ކައިރި އަތޮޅެއްގައި ރަށެއްގައިކަމަށެވެ.
ސަބަބަކީ މާލެއާ ދުރަށް ކުނި ގެންދާ ކަމަށްވާނަމަ ތެލާއި ލޮޖިސްޓިކްގެ ޚަރަދު ވަރަށް ބޮޑަށް އިތުރުވާނެތީކަމުގައި މުޖުތަބާ ވަނީ ވިދާޅުވެފައެވެ.
ވުމާއެކު، ކުނި ބަދަލުކުރާނެ އަތޮޅެއް ހަމަޖެއްސުމަށްޓަކައި އެ ކުންފުންޏާ އެކު ރައީސް އޮފީހުގެ ކޮމިޓީއެއް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ކަމަށް ވަރަށް އަވަހަށް ގޮތްތަކެއް ފަހިވާނެ ކަމަށް މުޖުތަބާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ރާއްޖެއިން ބޭރުން ފައިސާގެ އެހީ ހޯދުމަށް މަޝްވަރާތައް ކުރެވެމުން އަންނަކަން ފާހަގަކުރައްވައި މުޖުތަބާ ވަނީ ހުރިހާ ފަރާތަކުން އެހީތެރިކަން ލިބިއްޖެ ކަމަށްވާނަމަ، ގަވާއިދުން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގައި ވިދާޅުވެފައެވެ.