ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ މަސައްކަތަށް އުފައްދާ މައިގަނޑު ގުނަވަން، “ދިވެހި ޤައުމިއްޔަތުގެ އިސްވާރު” ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މިއަދު އިފްތިތާހް ކޮށްދެއްވައިފިއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިޔާތުގައި މިއަދު އިފްތިތާހްކުރި އިސްވާރުގައި މައިގަނޑު 5 ދާއިރާއެއް ހިމެނެއެވެ.
އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، ދިވެހި ބަސް، ދިވެހި ތާރީޚު، ދިވެހި ތަރިކަ، ދިވެހި ސުމޭކު އަދި ދިވެހި ފަންނުގެ ދާއިރާއެވެ.
އެގޮތުން ގައުމިއްޔަތުގެ އިސްވާރުގެ މަސައްކަތްތައް ކުރުމަށް ކައުންސިލެއް އެކުލަވާލާ އެ ކައުންސިލްގެ އިސްވާރުންނަށް އެކަމުގެ ފަތްކޮޅު މިއަދު ރައީސް ވަނީ އަރުވައިފައެވެ.
ކައުންސިލްގައި ހިމެނޭ އިސްވާރުން:
- ދިވެހި ތަރިކައިގެ އިސްވާރު- ހަސަން ޒަރީރު
- ދިވެހި ބަހުގެ އިސްވާރު- މަރިޔަމް ތައުފީގާ
- ދިވެހި ސުމޭކުގެ އިސްވާރު- މުހައްމަދު އަބްދުލްގާދިރު
- ދިވެހި ތާރީޚުގެ އިސްވާރު- ކަށިމާ އަހުމަދު ޝާކިރު
- ދިވެހި ފަންނުގެ އިސްވާރު- މަރިޔަމް އިޝާ އަޒީޒް އަކީ
މި ރަސްމިޔާތުގައި ދެއްކެވި ވާހަކަފުޅުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ، “އިސްވާރު” މި ބަހަކީ ޤައުމީ ބަޠަލުން ޤައުމަށް ކޮށްދެއްވި ޚިދުމަތް ރަމްޒުކޮށްދެއްވުމަށް އުފައްދާފައިވާ ބަހެއް ކަމަށެވެ.
އެގޮތުން ދިވެހި ތާރީޚާއި އަމިއްލަވަންތަކަމަށް މިހާރުވެސް ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު ޝައުގުވެރިކަން އޮތްކަމުގައި ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިއަދު އިފްތިތާޙް ކުރެވުނު ދިވެހި ޤައުމިއްޔަތުގެ އިސްވާރަކީ، ވަރަށް އުއްމީދީ ފެށުމެއްކަމަށާއި ދިވެހި ގައުމިއްޔަތަށް ވަރަށް އުއްމީދީ ދުވަސްތަކަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ސަރުކާރު ކެބިނެޓުގެ ވަޒީރުންނާއި އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.