ބަޔޯޑައިވާސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ) ގައި ރާއްޖެއިން ސޮއިކޮށްފިއެވެ.
ބީބީއެންޖޭ މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަސީރު މުޙައްމަދު އެވެ.
ރާއްޖެއިން މި މުއާދާގައި ބައިވެރިވުމާއި ގުޅިގެން ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ރާއްޖެ ކަހަލަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކުން މި މުއާހަދާގައި ސޮއިކުރުމަކީ ތާރީހީ ގޮތުން ވެސް ފާހަގަކޮށްވޭ ވަރުގެ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މީގެއިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މުއާހަދާގައި ސޮއިކުރުމަކީ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް، ރައްކާތެރިކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއްދެއްވާ ކަމުގެ ހެއްކެއް ކަމަށެވެ.
“ދިވެހިން ވަރަށް ބޮޑަށް ބަރޯސާވޭ ކަނޑު ރައްކާތެރިކޮށް އަދި ހިމާޔަތްކުރުމަށް. މި އެއްބަސްވުމާ އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައިވާ ދިރުންތައް ވެސް ހިމާޔަތްކުރުމަށް މަސައްކަތް ކުރެވި، ރާއްޖޭގެ ޓޫރިޒަމާއި މަސްވެރިކަމުގެ ސިނާއަތަށް ވެސް ކުރިއެރުން ލިބޭނެ،” ޒަމީރު ވިދާޅުވިއެވެ.
އދ އިން މިދިޔަ އަހަރު މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ ސަރަހައްދުތަކުގެ ބޭނުންހިފޭނެ ގޮތް މަގުފަހިކުރުމަށް އެކުލަވާލާފައިވާ މި މުއާހަދާއަކީ މާކަނޑުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތެވެ.
މިމުއާހަދާގައި ސޮއިކުރި އދ ގެ 92 ވަނަ މެންބަރު ގައުމަށް ރާއްޖެވާއިރު، މި ކަހަލަ މުއާހަދާއެއްގައި ރާއްޖެ ކަހަލަ ކުޑަ ޖަޒީރާ ގައުމަކުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.
މިމުއާހަދާގައި ބައިވެރިވުމަށް މިދިޔަ ފެބްރުއަރީ މަހު 11 ގައި ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުން މިކަމަށް ރުހުން ދީފައި ވަނީ މެއި މަހު 14 ގައެވެ.