ރާއްޖެއަށް ވަރަށް ގިނައިން އަންނަ އިންޑިއާ ރައްޔިތެއް މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
މަނީލޯންޑަރިންގ ގެ ތުހުމަތުގައި ހައްޔަރު ކުރި 27 އަހަރުގެ ފިރިހެން މީހާގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ.
އޭނާގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާގެ އަތުން ހިފަހައްޓާފައިވާ ފައިސާއަކީ ސައްހަ ގޮތުގައި ހިފަހައްޓާފައިވާ ފައިސާއެވެ.
އޭނާގެ ވަކީލުން ވަނީ ފުލުހުން ތުހުމަތު ކުރާ މަނީ ލޯންޑަރ ކުރުމުގެ ތުހުމަތާއި ގުޅޭ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާކަން ކޯޓުގައި ފާހަގަކޮށް އޭނާ ދޫކޮށްލުމަށް އެދިފައެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވީ، އޭނާގެ އަތުން ގިނަ އަދަދެއްގެ ޑޮލަރު ފެނިފައިވާ ކަމަށާއި އަދި އެއީ އެހެން މީހުން އޭނާއާ ހަވާލު ކުރާ ޑޮލަރުކަން ދޭހަވާ ލިޔުންތައް އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކުރި މީހާއަކީ ވަރަށް ގިނައިން ރާއްޖެ އެތެރެވެ ޖެހިގެން އަންނަ ދުވަހު ފުރައިގެންދާ މީހެއްކަން ފާހަގަކޮށް ފުލުހުން ވިދާޅުވީ އޭނާގެ ޕާސްޕޯޓްގައިވާ ނަން ބަދަލުކޮށްފައިވާ ކަމަށެވެ.
ކޯޓުން މިމައްސަލައިގައި ނިންމާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއްކަމުން އޭނާއަށް މި ފައިސާ ލިބުނު ގޮތްތައް ފުލުހުންނަށް އަދި ސާފް ނުކުރެވޭތީއާއި ޝައްކު ކުރެވޭ ޓްރެވެލް ހިސްޓްރީއެއް އޮތުމުން އޭނާ ބަންދުގައި ބެހެއްޓުމަށެވެ.