އަންހެނަކު ރަހީނުކޮށް ބިރުދެއްކި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވި އަތުހަރުގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާލައިފައިއެވެ.
ފުލުހުން ބުނީ އަތުހަރުގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް މާދަމަ ހެދުމަށްޓަކައި މިއަދު އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިފައިވާކަަމަށެވެ.
މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރަހީނުކޮށްގެން ފިލަން މަސައްކަތް ކުރަނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގެ ޝަރީއަތް ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުއްޓާ އަތުހަރު މަރުވާން މަސައްކަތް ކުރީ ދަންޖެހިގެންނެވެ. އެއީ މި މަހުގެ 02 ވަނަ ދުވަހުއެވެ.
މި މައްސަލައާއި ގުޅިގެން އޭނާ މަރުވި ގޮތާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދައިފައި ވާއިރު އޭނާގެ އާއިލާއިންވެސް ބައެއް މީޑިޔާތަކަށް ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ ގައިން ދަންޖެހެން އުޅުނު ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތެވެ.
އެއާއެކު ފުލުހުން ވަނީ އިސްކަންދަރު ކޮށީގައި 32 މީޑިޔާ ބައިވެރިކޮށްގެން އަތުހަރު ދަންޖެހެން މަސައްކަތް ކުރިކަމުގެ ހެކި ވީޑިއޯ ފުޓެޖުން ދައްކައިފައެވެ.
އަދި މިކަމާއި ގުޅިގެން މިނިވަން މުއައްސަސާތަކުން ކުރަމުންދާ ތަހުގީގު ތަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް ވަނީ ބުނެފައެވެ.