ކަރުގައި ވަޅިޖައްސައި ބިރުދައްކައިގެން މާލެގެ ގެއަކުން ފޭރުނު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ކަރުގައި ވަޅިޖައްސައިގެން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފޭރުނު މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ކ. މާލެއަށް ނިސްބަތްވާ އަހްމަދު ވިޝާމް އަދި އުމުރުން 32 އަހަރުގެ ބ. ދަރަވަންދޫއަށް ނިސްބަތްވާ ހުސައިން ޝާފިއުއެވެ.
މާފަންނު ގެއެއްގެ ފެންލައިޓުން ވަދެ ކޮޓަރީގައި ނިދާފައި ތިބި ދެމީހެއްގެ ކަރުގައި ވަޅި ޖައްސައި، އެއްވެސް ހަރަކާތެއް ކޮށްފިނަމަ، މަރާލާނެ ކަމަށް ބުނެ ބިރު ދައްކައިގެން އެދެމީހުންގެ މޯބައިލް ފޯނާއި، ލެޕްޓޮޕަކާއި، އެހެނިހެން ތަކެތި ފޭރުނު މައްސަލައިގައި ކަމުގައި ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ފޭރުމަށް ފަހު އެމީހުން އެއެޕާޓްމެންޓުން ފިލައިގެން ގޮސްފައި ވަނީ ފާހަނައަށް ވަދެ، އެތެރެއިން ތަޅުލުމަށްފަހު ފެންލައިޓުނެވެ.
ފުލުހުން ވަނީ ރޭގެ ވަގުތެއްގައި އެދެމީހުން ހައްޔަރުކޮށް، އެމީހުން ފޭރުނު ލެޕްޓޮޕާއި މޯބައިލް ފޯނުތައް ހޯދާފައެވެ.
މީގެއިތުރުން، އެ މީހުން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެހެނިހެން ތަކެތިވެސް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.