ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު، އައިޝަތު ރިޒުނާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝަރުޢީ ދާއިރާގެ ކަންކަމުގެ އިސްވެރިޔާގެ މަގާމުން އައިޝަތު ރިޒުނާ އިސްތިއުފާ ދެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމަށް ތަންޒީމުކޮށްފައިވާ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސައްކަތް ކުރެއްވޭނެ މާހައުލެއް ނެތް ކަމަށް ގަބޫލުކުރެވޭތީ ކަމުގައި، އޭނާ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހުސައިން ރިޒާއަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.
“ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އީޖާބީ ތަސައްވުރެއް ހާމަކުރައްވާފައިނުވާކަމާއި މާނަވީ ގޮތެއްގައި އިރުޝާދެއް ނުވަތަ ލަފަޔެއް ވެސް މިހާތަނަށް ލިބިފައި ނުވާކަންވެސް ފާހަގަކުރަން،” އިސްތިއުފާގެ ސިޓީގައި ރިޒްނާ ވިދާޅުވިއެވެ.
މީގެއިތުރުން ޖޭއެސްސީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމެޓީން ނިންމަންޖެހޭ ކަންކަމުގައި ވެސް ނިންމުންތައް ނިންމަވާފައި ނުވާ ކަމަށާއި އެކަން ހައްލުކުރަން މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާ އެއް ލިބިފައި ނުވާކަމަށް ވެސް ރިޒްނާ ވަނީ ސިޓީގައި ވިދާޅުވިއެވެ. އަދި މިކަންކަމުގެ ސަބަބުން ޖުޑީޝަރީގެ އިދާރީ ހިންގުމާގުޅޭ މުހިންމު ކަންކަން ކުރިއަށް ގެންދަން ހުރަސް އެޅިފައިވާކަމަށް ވެސް ރިޒްނާ ވިދާޅުވިއެވެ.
ރިޒްނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސްއާ ގުޅޭ މައްސަލައަކާއި މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކަކާއި ގުޅިގެން އޭނާގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން ބަލަމުން ދަނިކޮށެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ރިޒްނާ އައްޔަން ކުރުމުގެ ކުރިން އޭނާ ވަނީ ސިވިލް ކޯޓާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ފުރުއްވާފައެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމާ ހަވާލުވުމުގެ ކުރިން ރިޒްނާ ހުންނެވީ ޔޫއެންޑީޕީގެ އެސިސްޓަންޓް ރެޕްރެޒެންޓޭޓިވްގެ މަގާމުގައެވެ.