-Advertisement-

-Advertisement-

ރޭސްކާރު ދުއްވުމުގެ ހުއްދަ ބާޠިލްކޮށް ގިނަ ފިޔަވަޅުތަކެއް އަޅަން ރައީސް އަންގަވައިފި

ރައީސް ޑރ މުއިއްޒު- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލޭގައި ރޭސް ޖެހުމަށް އެޗްޑީސީން ދީފައިވާ ހުއްދަ ބާޠިލްކޮށް މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފިއެވެ.

އިއްޔެ ރޭ ހުޅުމާލޭގައި ރޭސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ޒުވާނާ ނިޔާވުމާއި ގުޅިގެން ޓްރެފިކާ ގުޅޭ އުސޫލުތައް ހަރުކަށިކޮށް ވަރުގަދަކުރަން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ވަނީ އަންގަވައިފައެވެ.

އެގޮތުން ރޭ އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޤަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް ޢާއްމުންރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް އަންގަވައިފައިވާކަމަށް ވިދާޅުވެފައެވެ.

އޭގެ ތެރޭގައި ހުޅުމާލޭގެ ވަކި ސަރަހައްދެއްގައި ރޭސިން އަދި ޑްރިފްޓިންއަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދީފައިވާ ހުއްދަ ވަގުތުން ބާތިލްކުރުމަށް ރައީސް ވަނީ އަންގަވައިފައެވެ.

މަގުތަކާއި އާންމުންގެ ރައްކާތެރިކަމަށްޓަކައި އެޅުމަށް ރައީސް އެންގެވި އިތުރު ފިޔަވަޅުތައް:

  1. މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
  2. ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.
  3. ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުން.
  4. އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
  5. ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުން.
  6. ގްރެޖުއޭޓިން ލައިސަންސް ސިސްޓަމްއެއް ތައާރަފްކުރުމާއި ގަވާއިދާ ޚިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސުން ޕޮއިންޓް ކަނޑަން ފެށުން.
  7. މަގުމަތީގެ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.

މި ފަހަކަށް އައިސް ރޭސްކާރުތައް ދުއްވާ ދުވެލި ބާރުވެ ކޮންޓްރޯލުން ނެއްޓިގެން ހިންގާ އެކްސިޑެންޓްތައް އާންމުވެފައިވާއިރު މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ހުޅުމާލޭގެ މަގުތަކަކީ ރޭސްކުރަން ހުރި މަގުތަކެއް ނޫންކަމަށާއި އެ މަގުތައް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ގޮވައިލަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-