-Advertisement-

-Advertisement-

ރައީސްގެ އެންގެވުން ފުލުހުން ފުރިހަމައަށް ތަންފީޒުކުރާނެ: މިނިސްޓަރ އިހުސާން

ހޯމް ސެކްޓަރ އިންބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.-ފޮޓޯ/ހޯމް މިނިސްޓްރީ

މަގުމަތީގެ ސަމާލުކަމާއި ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ރައީސުލް ޖުމްހޫރިއްޔާ އަންގައިފައިވާ ފިޔަވަޅުތައް ދިވެހި ފުލުހުން ފުރިހަމައަށް ތަންފީޒުކުރާނެ ކަމުގައި ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިއްޔެ ރޭގައި ހުޅުމަލޭގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ރޭސްކާރެއް ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 23 އަހަރުގެ ޒުވާނަކު ނިޔާވުމާއި ގުޅިގެން މަގުމަތީގެ ސަމާލުކަމާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ގޮތުން މިހިއްމު ބަދަލުތަކެއް ގެނައުމަށް ރައީސް ވަނީ ކަމާއިގުޅުންހުރި ތަންފީޒީ އިދާރާތަކަށް އަންގަވައިފައެވެ.

https://x.com/min_mohst/status/1832120946347671614

މިކަމާއި ގުޅިގެން ހޯމް މިނިސްޓަރ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސްގެ އެންގެވުން ތަންފީޒުކުރުމަށް ދިވެހި ފުލުހުން ފުރިހަމައަށް އެންބާރުލުންދީ މަސައްކަތް ކުރާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިއެންގެވުންތައް ދިވެހި ފުލުހުން ފުރިހަމަޔަށް ތަންފީޒުކުރައްވާނެ – މިނިސްޓަރ އިހުސާން

އެގޮތުން އިއްޔެގެ އެކްސިޑެންޓްގެ އިތުރަށް މި ފަހަކަށް އައިސް ބާރު ސްޕީޑްގައި ދުއްވާ ރޭސްކާރުތައް ކޮންޓްރޯލް ނުވެގެން ހިނގާ އެކްސިޑެންޓްތައް އިތުރުވުމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމުން އަންނަނީ ރޭސްކާރު ދުއްވުން ހުއްޓުވުމަށް ގޮވާލަމުންނެވެ.

އެއާއެކު މަގުމަތީގެ ސަމާލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ މުހިއްމު ފިޔަވަޅުތަކެއްގެ ގޮތުގައި އެޅުމަށް ރޭ ރައީސް އެންގެވި ފިޔަވަޅުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ، ހުޅުމާލޭގެ ވަކި ސަރަހައްދެއްގައި ރޭސިން އަދި ޑްރިފްޓިންއަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދީފައިވާ ހުއްދަ ވަގުތުން ބާތިލްކުރުމަށް އެންގެވި އެންގުމެވެ.

މަގުތަކާއި އާންމުންގެ ރައްކާތެރިކަމަށްޓަކައި އެޅުމަށް ރައީސް އެންގެވި އިތުރު ފިޔަވަޅުތައް:

  1. މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
  2. ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.
  3. ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުން.
  4. އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
  5. ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުން.
  6. ގްރެޖުއޭޓިން ލައިސަންސް ސިސްޓަމްއެއް ތައާރަފްކުރުމާއި ގަވާއިދާ ޚިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސުން ޕޮއިންޓް ކަނޑަން ފެށުން.
  7. މަގުމަތީގެ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.

މިއާއި ގުޅިގެން މަގުތަކަކަކީ ހިނގާ ބިނގާވެ އުޅޭ މީހުންނަށް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އަޅާނެކަމުގައި ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީންވެސް ވަނީ، ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-