-Advertisement-

-Advertisement-

އިޒްރޭލު ޕާސްޕޯޓް ބޭން ކުުރުމަށް މިވީ ކިހިނެތް؟

ހައްދުފަހަނަ އެޅި އިޒްރޭލުގެ ސިފައިން ފަލަސްޠީނުގައި ހިންގަމުންދާ ޤަޠުލުއާންމަކީ މިވަގުތު މުޅި އިންސާނީ ކަރާމާތް ދެކެމުން އަންނަ އެންމެ އަނިޔާވެރި ޖަރީމާއެވެ.

އެއާއެކު ފަލަސްޠީނުގެ ޙައްޤުގައި އެންމެ ގަދައަށް އަޑު އުފުލައި އަހަރުމެން ދިވެހިންގެ މުސްލިމު އަޚުންނާއި އުޚުތުންގެ ދިފާޢުގައި އެއްވުންތައް ބާއްވައި އެ ފަރާތްތަކަށް އެހީތެރިވުމުގެ އެކިއެކި ތެލެތޯންތައް ބޭއްވުމުގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ބޮޑު މަސައްކަތްތަކެއް ކުރަމުން އަންނަ އެއް ބަޔަކު ކަމުގައި އަހަރުމެން ދިވެހިން ވާނެއެވެ.

ކަންމިހެން އޮއްވައި އަހަރުމެންގެ ޤައުމުގެ ކުޑަ ކަމާއި މީސްކޮޅު މަދުކަމުގެ މައްޗަށް އަހަރުމެން ދިވެހިންގެވެސް ބާރެއް އޮތްކަން ދައްކުވައިދިނުމަށް މުހިއްމު ފިޔަވަޅެއް އެޅުމަށް ދިވެހިން ގޮވާލަން ފެށިއެވެ.

އެއީ ރައްޖެ އެތެރެވާ އިޒްރޭލުގެ ރަށްވެހިންނަށް މި ޤައުމަށް އެތެރެ ނުވެވޭނެހެން އެ ޤައުމުގެ ޕާސްޕޯޓް ރާއްޖޭގައި ބޭން ކުރުމަށެވެ.

ތަފާތު އެކި ފަހަރުތަކުގެ މަތިން ޕެޓިޝަންތަކުގައި ސޮއިކޮށް ހުށަހަޅައިގެންވެސް ފާއިތުވި ސަރުކާރުގައި މިފަދަ ނިންމުމެއް ނިންމުގެ ކެރުންތެރިކަން އޮތީ ދިވެހި ސަރުކާރަށް ނުލިބިފައޭ ބުނެވިދާނެއެވެ.

މިހެން އޮއްވައި މިދިޔަ ނޮވެމްބަރު މަހު، މިހާރުގެ ސަރުކާރުން ވެރިކަމާއި ހަވާލުވި އިރަށް އަނެއްކާވެސް މި މައްސަލަ ހިލުވައިލިއެވެ.

މި ފަހަރު މިކަށްގޮވާލައި އެންމެ އަޑު ގަދަކޮށްލީ ނިމިދިޔަ އެމްޑީީޕީ ސަރުކާރުގެ ފަރާތްތަކެވެ. އަދި ކުރިން އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ މެމްބަރުންނެވެ. އެހެން ނަމަވެސް އެ ބޭފުޅުންގެ “ބޮޑު އަޣުލަބިއްޔަތާއެކު” ވެސް މިއީ ނުވެ އޮތްކަމެއްކަމަށް ބުނެ ގިނަ ބަޔަކު އައީ އެ ފަރާތްތަކަށްވެސް ފާޑު ކިޔަމުންނެވެ.

ދެން މުޅި ރާއްޖެ ސިއްސުވައިލީ މި އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭ އިޒްރޭލުގެ ޕާސްޕޯޯޓާއި މެދު އަމަލުކުރުމަށް ސަރުކާރުން ނިންމައި އިއުލާނުކުރި ނިންމުމަށެވެ.

މުޅި ރާއްޖެ އެކަންޏެއް ނޫނެވެ. އެވަގުތުގެ ހުރިހާ އޮއިވަރަކާއެކު އެ ޚަބަރު ދުނިޔޭގެ ސަމާލުކަންވެސް އަތުލިއެވެ. ސިއްސުވައިލިއެވެ. ގަދަފަދަ ބާރުގަދަ ޤައުމުތަކުގެ ކުރިމަތީގައި ކުޑަކުޑަ ރާއްޖެއިން މި ނިންމި ނިންމުމަށް ދުނިޔޭގެ ތަޢުރީފުތައްވެސް އޮހުނެވެ. އިޒްރޭލުގެ މައްސަލައިގެ ސުރުޚީން ދިވެހިރައްޖެއަށް ވަރުގަދަ ޖާގައެއް ލިބުނެެވެ. އެހެން ނަމަވެސް ސަރުކާރުން މި ނިންމީ ހަމަ އެވަރުގެ ނިންމުމެއްތޯއޭ ސުވާލު އުފެއެވެ.

ދިވެހިންނަށްވެސް އަދި ބައިނަލްއަޤުވާމީ ދުނިޔެއަށްވެސް ހީވެފައި އޮތީ ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓް ބޭންކުރީކަމަށެވެ. ގިނަ ޚަބަރުތަކެއް ސުރުޚީގައި އޮތީވެސް އެހެނެވެ. އެހެން ނަމަވެސް ޙަޤީޤަތުގައި ސަރުކާރުން ނިންމައި އިއުލާންކުރީ، އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް މަޖިލިހަށް ހުށަހެޅުމަށެވެ.

ވުމާއެކު، މި ނިންމުންވެސް މިއީ ރަނގަޅު ނިންމުމެއްކަމަށް ބަލައި އެ މައްސަލައަށް ފުން ކަޅިއެއް ހިންގައިލުން މުހިއްމެވެ.

މަޖިލިހަށް ހުށަނާޅައި އިޒްރޭލު ޕާސްޕޯޓް ބޭން ނުކުރެވޭނެ؟

މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގައި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ މަޖިލީހުގެ ހާރިޖީ ކޮމިޓީން ރައީސަށް ސިޓީއެއް ފޮނުވިއެވެ.

އެހެން ނަމަވެސް އެކަމާއި ގުޅިގެން ރައީސް އޮފީހުން ވަނީ، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އެކަމުގެ ބާރުލިބިގެންވާ ކަމެެއް ނޫންކަމަށާއި އެއީ ރައްޔިތުންގެ މަޖިލިހުން ޤާނޫނަށް ބަދަލުގެނެސްގެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ވިދާޅުވެފައެވެ.

އެހެން ނަމަވެސް ރާއްޖެ އެތެރެވުމުގެ ޤާނޫނު މިކަމާއި މުޅިން އެއްބަހެއް ނުވެއެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގައި ކަނޑުގެ މަގުންނާއި ވައިގެ މަގުން ރާއްޖެ އެތެރެވުމުގެ ޤަވާއިދުތަކެއް އޮތް އިރު އެ ޤަވާއިދުތަކުގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނެތް މީހުން ގިންތިކުރާނެ ގޮތްތަކެއް ކަނޑައަޅައިފައިވެސް އޮވެއެވެ.

އެ ޤަވާއިދުގައި ސަރުކާރުން ވަކި ގައުމެއްގެ މީހުން ރާއްޖެ އެތެރެވުން މަނާކުރާނެ ވަކި ގޮތެއް ބަޔާންކޮށްފައެއް ނެތުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމްހުރިއްޔާގެ ގަރާރަކުން، ސިޓީއަކުން ނުވަތަ އިއުލާނަކުން ވެސް ރާއްޖެއަށް އެތެރެވުން މަނާކުރެވިދާނެ ސަބަބެއްކަމުގައި ގިނަ ޤާނޫނީ މާހިރުން ދެކެއެވެ.

 

މަޖިލިހުން މިިކަން ނުކުރެވި ލަސްވަނީ ކީއްވެ؟

ދެން އޮތީ އިޒްރޭލު ޕާސްޕޯޓް ބޭންކުރުމަށް ނިންމުމަކީ ރައީސަށް އަމިއްލަފުޅަށް ނިންމުމުގެ އިޚްތިޔާރު ލިބިގެންވާކަމަކަށް ނުވަނީނަމަ، ޤާނޫނުތަކަށް ބަދަލުގެނެސްގެން އެކަން ކުރުމުގެ މަރުޙަލާގެ ވާހަކައެވެ.

އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް ސަރުކާރުން ނިންމިފަހުން މިއަދަށް 97 ދުވަސް ވީއިރުވެސް ރައްޔިތުންގެ މަޖިލިހަށް މިކަން ނުވާ ސަބަބާއި މެދު ސުވާލު އުފެދެއެވެ.

ހަމަޔަޤީނުންވެސް ސަރުކާރުން ގެންނަން ބޭނުންވާ ބަދަލެއް ޤާނޫނަށް ގެނެވޭނެ ފުރިހަމަ އިޚްތިޔާރު އޮތް ރައްޔިތުންގެ މަޖިލުގެ އަޣުލަބިއްޔަތެއް އަދުގެ ސަރުކާރަށްވެސް ރައްޔިތުން މިވަނީ ދީފައެވެ.

ވީއިރު ދިވެހި ރައްޔިތުންގެވެސް މިވަރުގެ ގޮވާލުމަކަށް ސަރުކާރުން އިޖާބަދިނުން މިހާ ލަސްވެގެން މިދަނީ ކީއްވެގެންބާއެވެ؟

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތް ހެދުމަށް އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ބިލު މަޖިލިހަށް ބަލައިގަންނަން ފެންނަކަމަށް ނިންމައި އެ ބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލިހުގެ 241 ކޮމެޓީއަށް ފޮނުވުމަށް ނިންމީ ޖޫން 10 ވަނަ ދުވަހުއެވެ.

އެއީ އެ ބިލު ބަލައިގަންނަށް ފެންނަކަމަށް 87 މެމްބަރުންގެ ވޯޓާއެކުއެވެ.

އެހެން ނަމަވެސް އެ ބިލު ކޮމެޓީން ދިރާސާކުރަން ފޮނުވުމަށް ފާސްކުރި ފަހުން މި ފާއިތުވި 88 ދުވަހުގެ ތެރޭގައިވެސް 241 ކޮމެޓީން ބިލާއި ގުޅުންހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އެންމެ ކުޑަމިނުން އެ ބިލް ދިރާސާކުރުމަށް ކޮމެޓީއަށް އެޖެންޑާވެސްކޮށްފައެއް ނުވެއެވެ.

ޖޫން 10 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ރައްޔިތުންގެ މަޖިލިހުގެ 241 ކޮމެޓީ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖުމުލަ 10 ޖަލްސާއެއް ބާއްވައި ނިމުން އިރުވެސް މި ބިލު ދިރާސާކުރުމުގެ މަސައްކަތް އަދިވެސް އޮތީ ޕާކްކޮށްފައެވެ. އެއްވެސް ބައްދަލުވުމަކަށް ބިލިގެ މަސައްލަތް ތާވަލުވެސްކޮށްފައެއް ނުވެއެވެ.

އިޒުރޭލު ޕާސްޕޯޓަށް މިވީ ކިހިނެތް؟

ކޮންމެއަކަސް އިޒުރޭލު ޕާސްޕޯޓް ރައްޖޭގައި ބޭން ކުރުމުގެ ވާހަކަ ވައިގައި ހިފިއެވެ. އަދި މަޑުމަޑުން އެ ވާހަކަތަކުގެ އަޑު މަޑުވެ ދިވެހިންވެސް އެކަން މަތިން ހަނދާންނެތެން ފަށައިފިހެން ހީވެއެވެ. ސަރުކާރަށް މިކަމުގެ މާބޮޑު ޕްރެޝަރެއް ނެތެވެ.

އިޒްރޭލުގެ ޕާސްޕޯޓް ބޭންކުުރުމުގެ މައްސަލައާއި ގުޅިގެން  ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޖޫން 13 ވަނަ ދުވަހު ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، މަޖިލިސް ޤަވާއިދު އޮންނަ ގޮތުން މަޖިލީހުގެ އެއް ދައުރެއް ތެރޭ، އެއް ކަމަކަށް ދެ ބިލެއް ހުށަނޭޅޭ ކަމަށާއި އެހެންކަމުން ސަރުކާރުން އިޒްރާއީލްގެ ޕާސްޕޯޓް ބޭންކުރުމަށް ޤާނޫނަށް ބަދަލުގެނައުމަށް ޖޫން 2 ވަނަ ދުވަހު ނިންމުމުގެ ކުރިން މެއި 30ގައި އެމްޑީޕީގެ ފަރާތުން ހުށަހެޅި ބިލަށް ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތައް ގެނެސްގެން ކުރިއަށް ގެންދާނީކަމަށެވެ.

އެގޮތުން އެމްޑީޕީން ހުށަހެޅި ބިލު އޮތީ މިހާރު އޮތީ އެ މައްސަލައަށް ހަލެއް ލިބޭ ގޮތަކަށް ނޫންކަން ފާހަގަކުރައްވައި ބަންޑާރަ ނައިބު ވިދާޅުވީ، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގޮތަށް އިޒްރޭލު ޕާސްޕޯޓު އޮންނަ ހުރިހާ ގައުމެއްގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރާ ގޮތަަށް ހަދައިފި ނަމަ، “އެކަމުގައި އިތުރު  ކޮޕްލިކޭޝަންތަކެއް” ނުވަތަ އުނދަގޫތަކެއް ރާއްޖެއަށް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތްކަމަށެވެ.

ކަންމިހެން އޮތަސް އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތާއި ގުޅިގެން ސަރުކާރުގެ ފަރާތުންވެސް އެކަމަށް އެކަށޭނެ އަދާހަމައެއް ދެވެމުން ނާންނައިރު، ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް ޕާސްޕޯޓާއި ގުޅިގެން ކުރެވޭ ސުވާލުތަކަށް ލިބެނީ އެއް މޭރުމެއްގެ ޖަވާބުތަކެކެވެ. އެއީ،

” ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ދިވެހި ސަރުކާރުން އޮތީ ތައްޔާރަށް” މިފަދަ ޖަވާބެކެވެ.

ވުމާއެކު، އިޒްރޭލުގެ ޕާސްޕޯޓް ބޭންކުރުމުގެ މަސައްކަތުގައި ސަރުކާރގެ އިޚްލާސްތެރި ނިޔަތާއި މެދު ސުވާލު އުފެދުމުގެ ޖާގަ އެބަ އޮތެވެ. ނުވަތަ މިކަން ކުރުމުގައި ޔަހޫދީ ބޮޑެތި ޤައުމުތަކުގެ ފިއްތުންތައް ސަރުކާރަށް އަންނަކަމުގައިވެސް ބެލެވުމުގެ ޖާގަ އެބަ އޮތެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-