އެކި އެކި ސަބަބުތަކާހުރެ ކުރިއަށް ނުގޮސް ހުއްޓިފައި އޮތް ޖުމުލަ 22 މަޝްރޫޢެއް އެމްޑަބްލިޔުއެސްސީގެ ބެލުމުގެ ދަށަށް ނަގައި އެ ކުންފުނިން އެ މަޝްރޫއުތައް ނިންމުމުގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު އަތޮޅު ތެރޭގެ ރަށްރަށުގައި ފަށައިފައިވާ ގިނަ މަޝްރޫއުތައް ހުއްޓިފައިވާކަމަށެވެ.
އެގޮތުން އެފަދަ 25 ރަށެއް ފާހަަގަވެފައިވާކަމަށާއި އޭގެ ތެރެއިން ދެ ރަށް ފިޔަވާ އެހެން ރަށްތަކުގެ މަޝްރޫއުތައް މި އަހަރުގެ ނިޔަލަށް ނިންމާލެވޭކަމަށް ވިދާޅުވެ މަތީން ވަނީ، އޭގެ ތެރެއިން 5 ރަށެއްގެ މަސައްކަތް މިހާރު ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން މަތީން ވިދާޅުވީ، ބައެއް ރަށްރަށުގެ މަސައްކަތުގެ 85 ޕަސެންޓު އަދި އަނެއްބައި ރަށްރަށުގައި 95 ޕަސެންޓު މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ.
އެގޮތުން މި މަހުގެ ނިޔަލަށް މަސައްކަތް ނިންމަންޖެހޭ 22 ރަށުގެ މަޝްރޫއުތައް އެ ކުންފުންޏާއި ހަވާލުކުރުމުގެ ލިޔެކިޔުމުގެ މަސައްކަތްތައް ނިމޭނެކަމަށް އުއްމީދުކުރައްވާކަމަށް މަތީން ވިދަޅުވިއެވެ.
އަދި އެ ލިޔެކިޔުންތައް ނިމުމާއެކީގައި އެ ރަށްރަށުގެ މަސައްކަތްތައް ފެށިގެންދާނެކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
ލިޔެކިޔުންތައް ނިމުމާއެކީގަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެރަށްރަށުގަ ފަށައިގަންނާނަން. އަޅުގަނޑުމެންގެ އުންމީދަކީ އެރަށްތައް މިއަންނަ އަހަރުގެ ނިޔަލަށް ނިންމާލުން – މަތީން
ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމް ވަރަށް ބޮޑަށް ބާވެފައިވާކަން ފާހަގަކުރައްވައި މަތީން އިތުރަށް ވިދާޅުވީ މާފުށްޓަކީ އެފަދަ އެއް ރަށް ކަމަށެވެ. އަދި އެ ނިޒާމު ބަދަލުކޮށް އެ ރަށުގައި އަލަށް ހިއްކާފައިވާ ސަރަހައްދުގައި ފެނާ ނަރުދަމާގެ މަސައްކަތް ކުރަން އެ ކުންފުނިން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށްވެސް މަތީން ވިދާޅުވިއެވެ.