-Advertisement-

-Advertisement-

ޤާނޫނު މުގުރާލަން ރައީސް ފުރުސަތެެއް ނުދެއްވާނެ: ނައިބު ރައީސް

ފޮޓޯ: ރައީސް އޮފީސް

ޤާނޫނު މުގުރާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުރުސަތު ނުދެއްވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށް މިއަދު ށ. މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒުގެ ޤައުމީ އެޖެންޑާގެ އެންމެ ބޮޑު އެއް އަމާޒަކީ ޑްރަގްގެ ވަބާއިން ޤައުމު ސަލާމަތް ކުރުން ކަމަށެވެ.

އެމަނިކުފާނު ޤާނޫނު މުގުރުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގައި އަމާންކަމާއި މަސަލަސްކަން ޔަޤީންކޮށްދެއްވުމާއި އަދި ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ގިނަ ސިނާއަތްތައް ތައާރަފް ކޮށްދެއްވުމަކީ ވެސް އެމަނިކުފާނުފެ އަމާޒެއް ކަމަށެވެ.

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ރައީސް ޑރ. މުޢިއްޒު  ހާއްސަ އިސްކަމެއް ދެއްވާކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

އެގޮތުން ރައީސް ވަނީ ދިވެހިރާއްޖޭގެ ސަރަހައްދުތައް ބެލެހެއްޓުމަށް އެންމެ ޒަމާނީ އުޅަނދުތައް ގެނައުމަށާއި، ރާއްޖޭގެ އެއްގަމާއި ކަނޑާއި ވައި އަދި ކަނޑުއަޑީގެ ޗާޓު ކުރަހާނީ ދިވެހިން ކަމުގައި ކަނޑައަޅުއްވާފައި ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ، ޤަވާއިދާ ހިލާފަށް ދިވެހިންގެ ވިޔަފާރިތަކުގެ ތެރެއަށް ވަދެއުޅުނު 3000ށް ވުރެ ގިނަ ބިދޭސީން އަލުން ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލާފައި ވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެ ވެއްޓިފައި މި އޮތް އިގްތިޞާދީ ވަޅުގަނޑުން ނަންގަވާ ސަލާމަތުގެ އައްސޭރިއަށް ގެނައުމަށް ރެޔާއި ދުވާލު ރައީސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-