މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ސަޤާފީ ހަވީރު ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށް ދެއްވައިފިއެވެ.
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި މާއުނގޫދޫ ކައުންސިލު ގުޅިގެން މާއުނގޫދޫ ޞިއްޙީ މަރުކަޒު ސަރަޙައްދުގައި ކުރިޔަށްދިޔަ ސަޤާފީ ހަވީރުގައި މާއުނގޫދޫ ސްކޫލުގެ ބެލެނިވެރިން ވަނީ އިހުގެ ދިވެހީންގެ ދިރިއުޅުމާއި މަސައްކަތް ދައްކުވައިދޭ ސްޓޯލްތަކެއް ތައްޔާރުކޮށްފައެވެ.
މާއުނގޫދޫ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ޤައުމީ ދުވަހާ ގުޅޭ ތަފާތު އައިޓަމްތައް ހުށަހެޅާދީފައިވާއިރު، ނައިބު ރައީސް ވަނީ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވާ ސްޓޯލްތައް ބައްލަވާލައްވާފައެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މިސަގާފީ ހަރަކާތްތަކުގައި އެރަށުގެ ގިނަ ޢަދަދެއްގެ ކުޑަކުދިންނާ ޢާންމު ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.