ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ދަށު ކޯޓުތައް ތަމްސީލް ކުރައްވަން ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގދ. ފިޔޯރީ، ލަންސިމޫގެ، ފަރުހާދު ޖޭއެސްސީއަށް އައްޔަން ކުރައްވާ މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
ރައީސް ޑރ. މުޢިއްޒުގެ ކުރިފުޅުމަތީގައި ފަރުހާދު ވަނީ ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާކުރައްވާ ހުވައިގެ އިގްރާރުގައި ސޮއިކުރައްވާފައެވެ.
ފަރުހާދަށް ހުވައި ލައިދެއްވާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
ފަރުހާދު މިމަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން މިމަގާމު އަދާކުރައްވާފައި ވަނީ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފެވެ.
އެގޮތުން އަލީ ޝަރީފުގެ ދައުރު ހަމަވުމުމާއިއެކު، މިމަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށްޓަކައި ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިދިޔަ މަހު ބޭއްވި އިންތިހާބުގައި ފަރުހާދާއިއެކު އިތުރު ފަސް ބޭފުޅަކު ވަނީ ވާދަކުރައްވާފައެވެ.
ފަރުހާދު އިންތިހާބު ކާމިޔާބު ކުރެއްވީ 91 ވޯޓުންނެވެ. ފަރުހާދާއި އެންމެ ކައިރިން ވާދަ ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާނަށް ލިބިވަޑައިގަތީ 71 ވޯޓެވެ.