ޓެލެގްރާމް ޗެނަލްތަކެއް އުފައްދަައި އެ މެދުވެރިކޮށް ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ދައުރުކޮށް އެއިން މާލީ މަންފާ ހޯދަމުން ދިޔަ 571 ގްރޫޕެއް ސީޒްކޮށް 3 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ، އދ. މަހިބަދޫ، ބަހާރުގެ، އުމުރުން 45 އަހަރުގެ ޒުބައިރު ޢަލީ ގެ އިތުރުން ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 އުމުރުން 46 އަހަރުގެ ނާޞިފް ޢަލީ އާއި ކ. ކާށިދޫ، ސިލިންކޯ، އުމުުރުން 29 އަހަރުގެ އިސްމާޢީލް ރަބީޙެވެ.
ފުލުހުން ވިދާޅުވީ މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އެކި ފަހަރު މަތިން ކޯޓަށް ހާޒިރުކޮށްފައިވާކަމަށެވެ.
އެގޮތުން އޯގަސްޓް މަހުގެ 30 ވަނަ ދުވަހު ޒުބައިރު ޢަލީ ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަދި ސެޕްޓެންބަރު 5 ވަނަ ދުވަހު ނާޞިފް ޢަލީ އަދި އިސްމާޢީލް ރަބީޙް ކޯޓަށް ހާޒިރުކުމުން އެދެމީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
https://x.com/PoliceMv/status/1832990683801829661
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައާއި ގުޅިގެން މި ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކޮށް މި ތިންމީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް 9 އެކައުންޓު ފުލުހުންގެ ބާރުގެދަށަށް ގެނެސް ސީޒް ކޮށްފައިވާކަމަށެވެ.
މީގެ އިތުރުން ފުލުހުން ހާމަކުރެއްވި މަޢުލޫމާތަށް ބަލާއިރު ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ ޖުމުލަ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވެއެވެ. މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241651 ފޮޓޯއާއި 86618 ވީޑިއޯ (18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭހެން) ޕޯސްޓުކޮށްފައިވާކަން ފާހަގަކުރެވޭކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، އޭގެ ތެރެއިން 43 ޗެނަލް ހިންގާފައިވަނީ، ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް ކަމުގައިވެސް ފާހަގަވެފައި ވާކަމަށެވެ.
އަދި މި ޗެނަލްތަކަށްވަދެ ފައިސާ ދައްކައިގެން 3468 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާކަމަށާއި އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި 2 މިލިޔަނެއްހާ ރުފިޔާގެ އާމްދަނީއެއް ނަހަމަގޮތުގައި ހޯދާފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.