ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމަކް އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ބީއެމްއެލްގެ ސީއީއޯކަމުން ކާލް މިއަދު އިސްތިއުފާދިންކަން ހާމަކޮށްފައި ވަނީ އެ ބޭންކުގެ ވެބްސައިޓްގައި އާންމުކުރި ބަޔާނެއްގައެވެ.
އެހެންނަމަވެސް އެ ބަޔާނުގައި ވާގޮތުން ސެޕްޓެމްބަރު 21، ގައި އޮންނަ ބީއެމްއެލްގެ ހާއްސަ ގޮތުން ބާއްވާ އަހަރީ އާންމު ޖަލްސާއާ ހަމައަށް ސީއީއޯގެ މަޤާމުގައި ކާލް ހުންނަވާނެއެވެ.
އެއަށްފަހު ސީއީއޯއަކު އައްޔަންކުރުމުގެ މަރުހަލާގައި ސީއީއޯގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނީ، ކުންފުނީގެ ޑެޕިއުޓީ ސީއީއޯ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އަހަރީ ބައްދަލުވުމަށްފަހު، ސީއީއޯގެ މަޤާމަށް މީހަކު އައްޔަނު ކުރުމުގެ މަސައްކަތް ޑިރެކްޓަރުންގެ ބޯޑުން ފަށާނެކަމަށް ވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.