-Advertisement-

-Advertisement-

ޑިޖިޓަލައިޒޭޝަނަކީ ޤައުމީ ތަރައްޤީގެ އެއް ތަނބު: ރައީސް

ފޮޓޯ: ރައީސް އޮފީސް

ޑިޖިޓަލައިޒޭޝަނަކީ ޤައުމީ ތަރައްޤީގެ އެއް ތަނބުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރިއަށް ދިޔަ “ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓް: އަ ވިޝަން ފޯ އެން އިންޓެލިޖެންސް ޑްރިވަން ފިއުޗަރ ފޯ މޯލްޑިވްސް” ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ޙައްސާސް ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމުގައި ރާއްޖެއިން ދައްކާފައިވާ މިސާލަށް ބައްލަވާލައްވައި ރައީސް ވިދާޅުވީ، އެއީ އީޖާދީ ވިސްނުންތަކަށް ރާއްޖެ އަހުލުވެރިވެފައިވާ މިންވަރުގެ ސަބަބުން ލިބިފައިވާ ކުރިއެރުމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް މެނޭޖްކުރުމުން ފެށިގެން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގައި ޑިޖިޓަލައިޒޭޝަންގެ ދައުރު ވަރަށްވެސް ފުޅާކަމަށާއި ޑިޖިޓަލައިޒޭޝަންގެ ދައުރަކީ ހަމައެކަނި އިޤްތިޞާދީ ފައިދާ ހޯދުން ނޫންކަމަށާއި އޭގެތެރޭގައި ރައްޔިތުންގެ އާންމު ދިރިއުޅުން ފަސޭހަވެގެންދިޔުންވެސް ހިމެނޭ ކަމަށެވެ.

އެހެންކަމުން ރައްޔިތުން އެފަދަ މާޙައުލަކަށް ބާރުވެރިކުރުވާ، އޭގެ ސަބަބުން، ކުރިމަގުގައި ޑިޖިޓަލް ސެކްޓަރުގައި ހަރަކާތްތެރިވާ ކްރިއޭޓަރުންނާއި އިނޮވޭޓަރުން އުފެއްދޭނެ މާޙައުލެއް ޤާއިމްވެގެންދިޔުމަކީވެސް ޑިޖިޓަލައިޒޭޝަންގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން މިފަދަ ޕްރޮގްރާމްތަކުގެ ރަރިއްޔާއިން ޒުވާނުންނަށް ބޭނުންވާ އެކި ހުނަރު ދަސްކޮށްދީ، ޑިޖިޓަލް އިޤްތިޞާދެއްގައި ކާމިޔާބީ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަން ފާހަގަކުރައްވާ ރައީސް ވަނީ ކަނބަލުންނަށް މިފުރުސަތުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ހަމައެއާއިއެކު، ޑިޖިޓަލައިޒޭޝަންގެ އެހީގައި ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި “އަރލީ ވޯނިންގް ސިސްޓަމާއި” “ސްމާޓް” ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ވިލުންވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ ކޮންފަރެންސް ހޯލްގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޑިޖިޓަލައިޒޭޝަންގެ ފައިދާތަކުގެ އިތުރުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ވެސް އަލިއަޅުވާލާފައެވެ. އަދި މިގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ބައިނަލްއަޤްވާމީ ގުޅުންތައް މުހިންމު ކަމުގައި ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަޝްރޫއުތަކަށް ފައިސާ ހޯދުން ކަމަށާއި އެހެންކަމުން މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ މިކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމާލައްވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ ކުޑަ ޤައުމަކަށްވީ ނަމަވެސް، ރައްޔިތުންގެ އެއްބާރުލުމާއި ހިންމަތާ، ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަމާއެކު، ރާއްޖޭގެ ތަރައްޤީގެ އަމާޒު ހުރީ އެއަށްވުރެ ތަނަވަސްކޮށް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-