ރާއްޖޭގައި ބަންކަރިން ހިދުމަތް ފެށުމަށް ގެންނަ އުޅަނދުތަކުގެ ތެރެއިން ފުރަތަމަ އުޅަނދު ހދ. ކުޅުދުއްފުށީގައި ބަނދަރުކޮށްފިއެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރު، އަހުމަދު ރާޝިދު (ރާޑޯ) އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށުމަށް ރާއްޖެ ގެންނަ އުޅަނދުތަކުގެ ތެރެއިން ފުރަތަމަ އުޅަނދު ކުޅުދުއްފުށީގައި ބަނދަރު ކޮށްފައިވާ ކަމަށާއި ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައިވަނީ މެރިން އެންޖަލް ނަމަކަށް ކިޔާ އުޅަނދެއް ކަމަށެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި ގެނެސްފައިވާ މިއުޅަނދަކީ 3258 މެޓްރިކް ޓަނުގެ ތެލާއެކު ދަތުރު ކުރެވޭ އުޅަނދެއް ކަމަށް ރާޝިދު ވިދާޅުވިއެވެ.
އެސްޓީއޯއިން އޮފްޝޯ ބަންކަރިންގެ ހިދުމަތް ރަސްމީކޮށް މި މަހު ފަށާނެ ކަމަށް ވެސް ރާޝިދު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ހިމެނޭ ގޮތަށް މެރިޓައިމް އަދި އޯޕީއެލް (އޮފް ޕޯޓް ލިމިޓްސް) ސާވިސަސް ފޯރުކޮށްދިނުމުގެ މަސައްކަތް މި މަހު ފެށުމަށް އިއުލާން ކޮށްފައެވެ.
މި ޚިދުމަތާއެކު އުތުރުގައި ވަށާޖެހޭ، މެރިޓައިމްގެ ގިނަ ޚިދުމަތްތަކެއް އެމްޕީއެލުން ފޯރުކޮށްދޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑރެކްޓަރު ޝިމާދު އިބްރާހިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ޝިމާދު ވަނީ މިމަސައްކަތުގައި އެމްޕީއެލް އިން ގިނަ އެހީތެރިކަމެއް ފޯރުކޮށްދޭކަން ވެސް ފާހަގަ ކުރައްވާފައެވެ.
“އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ އިންޓަނޭޝަނަލް ފިއުލް ބަންކަރިން ހިދުމަތް މި މަހު މެދުތެރޭ ފެށޭތޯ”. ޝިމާދު ވިދާޅުވިއެވެ.
ޝިމާދު ވިދާޅުވެފައިވާ ގޮތުގައި އުތުރުގައި އެތައް ބޯޓުތަކެއް ވަދެނިކުމެ ހަދާ ކަމަށާއި ގާތްގަނޑަކަށް 100 ބޯޓު ދުވާލަކަށް ދަތުރުކުރެއެވެ. އަދި މި ހިދުމަތުގެ ސަބަބުން ޤައުމަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވެސް ޝިމާދު ވިދާޅުވިއެވެ.
“ބަންކަރިން ހިދުމަތް ފެށުމަށް ބޭނުންވާ 2 ބޯޓު ރާއްޖެ އައުމުގެ މަގުމަތީވީ. އޭގެ ކޮންމެ ބޯޓެއްގަ 4000 ޓަނުގެ ފިއުލު އުފުލޭނެ ބޯޓްތައް އައުމުން އެކަން ދާނެ،”. ޝިމާދު ވިދާޅުވިއެވެ.
ހަމައެޔާއެކު އެސްޓީއޯގެ އަމާޒަކީ އިންޓަރނޭޝަނަލް ފިއުލް ބަންކަރިންގ ޚިދުމަތުން ރާއްޖޭގެ އިޤްތިސާދަށް ކުރިއެރުންތައް ހޯދައިދިނުން ކަމަށް ވެސް ޝިމާދު ވަނީ ވިދާޅުވެފައެވެ.